ފިލިޕިންސްގައި ކޮވިޑް-19 އިން ދިފާއުމަށް ވެކްސިން ނުޖަހާ މީހުން ހައްޔަރު ކުރާނެ ކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެއެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވަމުން ޑުޓާޓޭ ވަނީ، ކޮމިއުނިޓީ ލީޑަރުންގެ ކިބައިން ވެކްސިން ނުޖަހާ މީހުން ހޯދާ އެމީހުން ގޭގައި ބަންދުކޮށްފައި ބޭތިއްބުމަށް އެދިފައިވާކަން ހާމަ ކޮށްފައެވެ.

ޑުޓާޓޭ ވިދާޅުވީ، ވެކްސިން ނުޖަހާ މީހުން ތިބެން ޖެހޭނީ ގޭގައި ކަމަށާއި އެފަދަ ފަރާތްތަކަށް ގެއިން ބޭރަށް ދެވިގެން ނުވާނެ ކަމަށެވެ.

"ދެކޮޅު ހަދައި ގެއިން ބޭރަށް ގޮސް، މުޖުތަމައު ވަށައި ބުރު ޖަހާނަމަ، އެމީހަކު ހިފަހައްޓާލެވިދާނެ. އޭނާ ދެކޮޅު ހަދައިފިނަމަ އިދާރާތަކަށް މިހާރު ބާރު ލިބިގެންވަނީ އެފަދަ މީހުން ހައްޔަރު ކުރަން،" ޑުޓާޓޭ ވިދާޅުވިއެވެ.

ފިލިޕިންސްގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، އެގައުމުން މިހާތަނަށް 2,888,917 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 17،220 މީހުންނަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެންމެ ގިނަ މީހަކު ފައްސިވި ފަހަރެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި އެހާ ގިނަ ބަޔަކު އެގައުމުން ކޮވިޑަށް ފައްސިވެފައިވަނީ އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓާއި ގުޅިގެންނެވެ.

ފިލިޕިންސްއިން ކޮވިޑްގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ފެނުމާއި ގުޅިގެން ވެސް އެގައުމުން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅައި ވެކްސިން ޖެހުމަށް އާންމުންނަށް އަންގާފައެވެ.