އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓް ކުރުމުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށް އެގައުމުން އޭގެ ހަދުވަސް ފަހުން މިއަދު އަނެއްކާވެސް އިތުރު ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފިއެވެ.

އުތުރު ކޮރެއާ އާއި އެންމެ އަވައްޓެރި ދެގައުމު ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާ އިން މިއަދު ވަނީ އުތުރު ކޮރެއާ އިން މިސައިލެއް ޓެސްޓް ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އުތުރު ކޮރެއާ އިން އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ދެކުނު ކޮރެއާގެ ޗޮއިންޓް ޗީފް އޮފް ސްޓާފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އުތުރު ކޮރެއާގެ ބިމުން ފޮނުވާލި މިސައިލް އިރުމަތީ ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. މިސައިލް ޓެސްޓް ކޮށްފައި ވަނީ ދެކުނު ކޮރެއާގެ ގަޑިން ހެނދުނު 07:27 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ރޭ މެންދަމު 03:27 ގައެވެ.

ޖަޕާނުން ބުނީ އުތުރު ކޮރެއާ އިން ޓެސްޓް ކުރި މިސައިލް ވެއްޓިފައި ވަނީ ޖަޕާންގެ އީއީޒެޑާއި ކައިރިއަށް ކަމަށެވެ. އުތުރު ކޮރެއާ އިން މިސައިލްތައް ޓެސްޓް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޖަޕާނުން ބުނެފައި ވެއެވެ.

އުތުރު ކޮރެއާ އިން މިދިޔަ ހަފްތާގައި މިސައިލެއް ޓެސްޓް ކުރުމުން އދ.ގެ ސަލާމަތީ މަޖިލީހުގައި ވަނީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ނަމަވެސް އެބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް ވާތީ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓް ކުށްވެރިކޮށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ފްރާންސް، އަޔަލޭންޑް، އިނގިރޭސިވިލާތް އަދި އެލްބޭނިއާ އިން ސޮއި ކޮށްފައި ވެއެވެ.

އުތުރު ކޮރެއާ އިން މިއަހަރު ފެށީ އެގައުމުގެ އިގްތިސޯދު ރަނގަޅު ކުރުމަށް އަމާޒު ހިފައިގެން ކަމަށް އެގައުމުން ވަނީ ބުނެފައެވެ. ނަމަވެސް ޖަނަވަރީ މަހުގެ ފުރަތަމަ ދެހަފްތާ ނުނިމެނީސް ދެމިސައިލެއް ޓެސްޓް ކުރުމަކީ ބައިނަލްއަޤުވާމީ ފަރާތްތަކުން އުތުރު ކޮރެއާ އަށް އެހީތެރިކަން ފޯރުކޮށްނުދީ އަނެއްކާވެސް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.