ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ކާރު ބޮމެއް ގޮއްވާލައި އަށް މީހުން މަރާލައިފިއެވެ.

އެ ސިޓީގެ އެމްބިއުލާންސް ސާވިސްގެ ވެރިޔާ އަބްދިކާދިރް އަބްދިރަހްމާންއާ ހަވާލާދީ ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ، އަވިޝަން މަގުން ދަތުރުކުރި ކާރެއް ހިމެނޭ ގޮތަށް ކާރެއްގެ ގާފިލާއަކަށް އަމާޒުކޮށް ކާރު ބޮމެއް ގޮއްވާލި ކަމަށެެވެ. ނަމަވެސް، އެ ގާފިލާގެ މިލްކުވެރިއަކީ ކާކުކަމެއް ނޭނގޭކަން އޭނާ ފާހަގަކުރިއެވެ.

"އެ ސަރަހައްދުން މަރުވެފައި އޮތް އަށް މީހެއްގެ ހަށިގަނޑު ފެނުން،"

ސޯމާލިއާގެ ނެޝަނަލް ނިއުސް އޭޖެންސީން ބުނެފައިވަނީ ލިބިފައިވާ ގެއްލުމުގެ ތަފްސީލް ނޭނގޭ ކަމަށެވެ.

"މިނެޓެއްގެ ތެރޭގައި އެތައް ކާރެއް ހަލާކުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ،"

މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އަލް ޝަބާބް ޖަމާއަތުންނެވެ. އެ ޖަމާއަތުން ނެރުނުބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާއަކީ "ބޭރުގެ އޮފިސަރުންނަށް" އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެ ޖަމާއަތުން މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އަލްގައިދާއާ ގުޅުން އޮންނަ ހަނގުރާމަވެރި ޖަމާއަތަކުން އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މަންޒަރު ދުށް މީހުން އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބޮން ގޮއްވާލި ވަގުތު ބޭރު މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ މަލްޓި ވެހިކަލް ޕްރައިވެޓް ސެކިއުރިޓީ ގާފިލާއަކުން ފާސްކުރަމުން ދިޔަ ކަމަށް ބުނެފައިވެއެވެ.