ސޯމާލިއާގެ ގަލްގުދޫދޫ ސަރައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް މިއަދުވެސް ހަމަލާދީފިއެވެ.

މި ހަމަލާދީފައިވަނީ ސޯމާލިއާގެ ހަތިޔާރު އެޅި ޖަމާއަތެއްކަމަށްވާ އަލް ޝަބާބުން ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. މިހަމަލާ ދީފައިވަނީ ސޯމާލިއާގެ ސަރުކާރުގެ ބާރުގެ ދަށަށް މި ސަރަހައްދު ގެނައިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ގަލްގުދޫދުގެ އަވަށެއްކަމަށްވާ ގައްޔިބުގައި ހުންނަ މި މަރުކަޒަށް ދީފައިވާ ހަމަލާއަށް ސިފައިން ރައްދު ދީފައިވާކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އަބްދުﷲ އަލީ އަނޯދު ވިދާޅުވިއެވެ. އެ މަރުކަޒުގައި ގައުމީ ސިފައިންނާއި ސަރަހައްދީ ސިފައިންވެސް ތިބިކަމަށް ތަރުޖަމާނު މައުލޫމާތު ދެއްވާފައިވެއެވެ. އަލް ޝަބާބުގެ ބާރުގެ ދަށުން މި އަވަށް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ހަފްތާގައެވެ.

މި ހަމަލާތައް ފެށިފައިވަނީ ސޯމާލިއާ ގަޑިން ގާތްގަނޑަކަށް މިއަދު ފަތިހު ފަހެއް ޖެހިއިރު، ޖާނުން ފިދާވެގެން ދިން ދެ ކާރު ބޮމުގެ ހަމަލާއަކުންކަމަށް ކައިރި އަވަށެއްގެ ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ހަސަން ވަނީ ރޮއިޓާސްއަށް މައުލޫމާތު ދީފައެވެ. މި ދެ ކާރު ގޮއްވާލުމަށްފަހު އެތައް ގަޑިއިރުތަކެއް ވަންދެން ދެފަރާތުން ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ހަސަން ބުނެފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދެއް އަދި ސާފެއްނުވެއެވެ.

އަލް ޝަބާބު ޖަމާއަތުގެ ތަރުޖަމާނު އަބްދިއާސިސް އަބޫ މުއްސަބު ބުނެފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ގައްޔިބަށް އެކި ދިމަދިމާލުން ހަމަލާތައް އަމާޒުކުރުމުގެ ކުރިން ޖާނުން ފިދާވެގެން ދެ ކާރު ގޮއްވާލާފައިވާނެކަމަށެވެ. އަދި އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އެތައް ސިފައިންނެއް މަރާލާފައިކަމަށާއި ސިފައިންގެ ހަތިޔާރާއި އަސްކަރީ އުޅަނދުފަހަރު އަތުލާފާއިވާ ކަމަށްވެސް މުއްސަބު ބުނެފައިވެއެވެ.

ފާއިތުވި ތިންމަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ބާރުތަކުން ވަނީ އަލްޝަބާބުގެ މައްޗަށް ކުރި ހޯދައި އެމީހުންގެ ބާރުގެ ދަށުގައި އޮތް އެތައް ސަރަހައްދެއް ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.

އޭގެ ރައްދުގައި އޮކްޓޯބަރު 29 ވަނަ ދުވަހު ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީ ކައިރީގައި ދިން ދެ ބޮމުގެ ހަމަލާގައި އެ ޖަމާއަތުން ވަނީ 116 މީހުން މަރާލާފައެވެ.

އަދި މިދިޔަ ހޮނިހިރު ދުވަހުވެސް މޮގަޑިޝޫގެ އަސްކަރީ ތަމްރީން ހަދާ ކޭމްޕެއްގެ ކައިރީގައި ޖާނުން ފިދާވެގެން ދިން ހަމަލާގައި 5 މީހުން މަރުވެ 11 މީހުން ވަނީ ޒަހަމްވެފައެވެ.

އަލްޝަބާބުން ސޯމާލިއާގެ ވެރިކަން ވައްޓާލާ އެމީހުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާތާ މިހާރު 10 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. 2011 ވަނަ އަހަރު އެފްރިކަން ޔޫނިއަންގެ ސިފައިންވަނީ އެމީހުން ސޯމާލިއާގެ ވެރިރަށުން ފައްސާލާފައެވެ. ނަމަވެސް އެ ޖަމާއަތުން އަދިވެސް އެގައުމުގެ ރަށްފުށުގެ ބައެއް ހިސާބުތައް ކޮންޓްރޯލް ކުރެއެވެ. ސޯމާލިއާގެ ރައީސް ހަސަން ޝޭހު މަހުމޫދު މިދިޔަ މޭ މަހު ވެރިކަމާ ހަވާލުވެ އެ ޖަމާއަތާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވުމުން އެ ޖަމާއަތުން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.