ސޯމާލިއާގެ އަސްކަރީ ތަމްރީނު ހަދަމުންދާ ކޭމްޕެއްގެ ބޭރުގައި ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއްގައި ހަމަލާއެއްގައި ފަސް މީހުން މަރާލައިފިއެވެ.

މި ހަމަލާގައި 11 މީހުން ޒަޚަމްވެފައިވާކަމަށް ސޯމާލިއާގެ ސަރުކާރުން ހިންގާ ސޮންނާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން ވަނީ ސޯމާލިއާގެ ވެރިރަށް މޮގަޑިޝޫ ގައި ދީފައިވާ މިހަމަލާގެ ޒިންމާ އުފުލާފައެވެ.

ސޮންނާއިން ބުނެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ކޭމްޕަށް ވަންނަ ދޮރުމަތީގައެވެ. ސޯމާލިއާގެ ގައުމީ ސިފައިންގެ ޗީފް އޮދޮވާ ޔޫސުފް ރާގީ އާއި ހަވާލާދީ ސޮންނާއިން ބުނެފައިވަނީ ބޮން ގޮއްވާލި މީހާ އޭނާގެ އަމާޒަށް ވާސިލްނުވަނީސް ސިފައިން އޭނާ ހުއްޓުވާފައިވާ ކަމަށެވެ.

ސިފައިންގެ އެހެން އޮފިޝަލަކާ ހަވާލާދީ މަޝްހޫރު ނޫސް، "އޭއެފެޕީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާދިން މީހާގެ އަމާޒަކީ އެ ތަމްރީންހަދާ ކޭމްޕުގައި ތިބި އަލަށް ތަމްރީންކުރަމުންދާ ސިފައިންނެވެ. އަދި މިހަމަލާގައި އާންމުންގެ ބައެއް މީހުންނަށާއި އަލަށް ވެއްދި ބައެއް ސިފައިންނަށްވެސް އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލް ބުނެފައިވެއެވެ. މި ހަމަލާގެ ތަހުގީގު މިހާރު ވަނީ ފަށައިފައެވެ.

މިހަމަލާއާ ގުޅިގެން އެގައުމުގެ ސަރުކާރުން އަދި ރަސްމީގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އަލްޝަބާބުން ސޯމާލިއާގެ ވެރިކަން ވައްޓާލާ އެމީހުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަކުރާތާ މިހާރު 10 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. 2011 ވަނަ އަހަރު އެފްރިކަން ޔޫނިއަންގެ ސިފައިންވަނީ އެމީހުން ސޯމާލިއާގެ ވެރިރަށުން ފައްސާލާފައެވެ. ނަމަވެސް އެ ޖަމާއަތުން އަދިވެސް އެގައުމުގެ ރަށްފުށުގެ ބައެއް ހިސާބުތައް ކޮންޓްރޯލް ކުރެއެވެ. ސޯމާލިއާގެ ރައީސް ހަސަން ޝޭހު މަހުމޫދު މިދިޔަ މޭ މަހު ވެރިކަމާ ހަވާލުވެ އެ ޖަމާއަތާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވުމުން އެ ޖަމާއަތުން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު މޮގަޑިޝޫގައި ދެ ކާރު ގޮއްވާލައިގެން ދިން ހަމަލާގައި 116 މީހުން މަރުވެފައެވެ. އަދި މި ދިޔަ އޮގަސްޓުމަގު މޮގަޑިޝޫގައި ހުންނަ މަޝްހޫރު ހޮޓަލަކަށް ބަޑިއާއި ބޮމުން ދިން ހަމަލާތަކުގައި 21 މީހުން މަރުވެ 117 މީހުން ވަނީ ޒަހަމްވެފައެވެ.