ސޯމާލިއާގައި ދިން ކާރު ބޮމުގެ ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ސަލާމަތީ އޮފިޝަލުން ބުނެފިއެވެ.

މި ހަމަލާތައް ދީފައިވަނީ ސޯމާލިއާގެ މެދުތެރޭގައި އޮންނަ ހިރާން ސަރަހައްދުގައި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

"ނިރުބަވެރިން ވަނީ ގޮވާތަކެތި އަޅާފައި ހުރި އުޅަނދުތަކެއް ބޭނުންކޮށްގެން މިއަދު ހެނދުނުގެ ވަގުތެއްގައި މަހާސް އަވަށަށް ހަމަލާދީފައި." އެ ސަރަހައްދުގެ ސަލާމަތީ އޮފިޝަލެއް ކަމަށްވާ އަބްދުﷲ އަދަން ބުނެފައިވެއެވެ.

"އެމީހުން ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދަކަށް. މިހާތަނަށް ނުވަ މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައި، ހުރިހާ އެންމެންނަކީވެސް އާންމުން."

މި ހަމަލާތައް ދީފައިވާކަމަށް ބެލެވެނީ އަލް ޤައިދާއާއި ގުޅުން އޮންނަ އަލް ޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ހިރާން ސަރަހައްދުގައި މިދިޔަ އަހަރު މި ޖަމާއަތާއި ދެކޮޅަށް ވަނީ ވަރުގަދަ އޮޕަރޭޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

"ނިރުބަވެރިން ބަލިވުމަށްފަހުގައި މިހާރު ދަނީ އާންމުން އެމީހުންގެ ހަމަލާތަކުގެ އަމާޒަށް ހަދަމުން. އެކަމަކު މިކަމަކުން އެމީހުން ބަލިކުރުމަށް އާންމުންގެ ހިތުގައި އޮތް އަޒުމަކަށް ގުޑުމެއް ނާރާނެ." މަހާސް ގެ ފުލުހުންގެ ކޮމާންޑަރެއް ކަމަށްވާ އުސްމާން ނޫރް ވިދާޅުވިއެވެ.

" ބޮން ގޮއްވާލާ އެމީހުން ވަނީ ކުށެއްނެތް އާންމުން މަރާލާފައި،" އޭނާ ވިދާޅުވެފައި ވެއެވެ.

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ގޮވުންތައް ގޮވާފައިވަނީ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓެއްގެ ކައިރީގައެވެ.

"އަހަރެން ދުށިން މަރުވެފައިވާ އާންމުންގެ ނުވަ މީހުންގެ ހަށިގަނޑު. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ،" މަންޒަރު ދުށް ފަރާތަކުން ބުނެފައިވެއެވެ.

ސޯމާލިއާގެ ސަރުކާރާ ދެކޮޅަށް ފާއިތުވި 15 އަހަރު ވަންދެން ހަނގުރާމަ ކުރަމުން އައިސްފައިވާ އަލް ޝަބާބު ޖަމާއަތާ ދެކޮޅަށް އެގައުމުގެ ރައީސް ހަސަން ޝޭޚު މޮހަމޫދު ވަނީ ހަނގުރާމަ އިއުލާނު ކުރައްވާފައެވެ.

ގައުމުގެ މައި ރަށްތަކުން އެމީހުން ބޭރުކޮށް، އަލް ޝަބާބުގެ ބާރުގެ ދަށުގައި އޮތް ބޮޑު ސަރަހައްދެއް މިހާރު ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، އަދިވެސް ސޯމާލިއާގެ ދެކުނުގެ ފަގީރު ސަރަހައްދުތަކުގައި އެމީހުންގެ ބާރު އޮވެއެވެ. އަދި ދޭތެރެ ދޭތެރެއިން މި ޖަމާއަތުން އަންނަނީ ނުރައްކާތެރި ހަމަލާތައް ދެމުންނެވެ.

ސޮމާލިއާގެ ވެރިރަށް މޮގަދިޝޫގައ ހުންނަ އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީ ކައިރީގައި، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު، ދިން ދެ ކާރު ބޮމުގެ ހަމަލާއަކީ ފާއިތުވި ފަސް އަހަރު ތެރޭގައި އެގައުމުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެ ހަމަލާގައި 121 މީހުން ވަނީ މަރުވެފައެވެ. އަދި އޮކްޓޯބަރު މަހު ހިރާން ގެ ބެލެދްވޭން ސިޓީގައި ދިން ތިން ބޮމުގެ ހަމަލާގައި 30 މީހުން ވަނީ މަރުވެފައެވެ.

އަދި ނޮވެމްބަރު 27 ވަނަ ދުވަހު މޮގަދިޝޫގައި ހުންނަ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި މަޝްހޫރު ހޮޓަލެއް 21 ގަޑިއިރުވަންދެން ހިޞާރުކޮށް ދިން ހަމަލާތަކުގައި އާންމުންގެ އަށޤ މީހުން ވަނީ މަރުވެފައެވެ.