އީ-ސިނގިރޭޓް ބޭނުންކުރާ މީހުންނަށް ކޮވިޑް-19ގެ އިތުރު އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ވަނީ އީ-ސިނގިރޭޓް ބޭނުންކުރާ 289 މީހުންނާއި އެއް އުމުރެއްގެ 1،445 މީހުންނާއި އަޅާކިޔާފައެވެ. މި އެންމެންނަކީވެސް ޕީސީއާރު ޓެސްޓުތަކުން ކޮވިޑަށް ފައްސިވެފައިވާ މީހުން ކަމަށް ދިރާސާ ޓީމުން ބުނެއެވެ.

އެގޮތުން ކޮވިޑް ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން އީ-ސިނގިރޭޓް ބޭނުންކުރާ މީހުންނާއި، ބޭނުން ނުކުރާ މީހުންގެ ހިރާސްބޮޑު އަލާމާތްތައް ރިއާޔަތް ކުރުމަށް ފަހު، އީ-ސިނގިރޭޓް ބޯ މީހުންނަަށް ކޮވިޑް އަލާމާތްތަކުގެ ތެރެއިން ގައިގައި ރިއްސުމާއި، ފިނިވުމާއި، ހަށިގަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ރޯގާ އާއި ރަހައިގެ މައްސަލަތަކާއި، މާޔޫސްވުމާއި، ޑައިރިއާ އާއި، ލައިޓް ހެޑްނެސް ފަދަ މައްސަލަތައް ކުރިމަތިވި ކަމަށް ޖާނަލް އޮފް ޕްރައިމަރީ ކެއާ ކޮމިއުނިޓީ ހެލްތުގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވެއެވެ.

މޭޔޯ ކްލިނިކްގެ އިންޓާނިސްޓެއް ކަމަށްވާ އެމް.ޑީ، ޑޭވިޑް މެކްފެޑަން، އަދި މި ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ ބުނެފައިވަނީ މި ދިރާސާ ފަރުމާކޮށްފައިވަނީ އާންމުންގެ ތެރޭގައި ހުންނަ ކޮވިޑްގެ އަލާމާތްތައް ބެލުމަށް ކަމަށެވެ. އޭގެއިތުރުން އޭނާ ބުނީ،

"އަޅުގަނޑުމެން 280 އަށް ވުރެ ގިނަ ކޮވިޑަށް ފައްސިވެފައިވާ އީ-ސިނގިރޭޓް ބޭނުންކުރާ މީހުންނާ އިންޓަވިއުކޮށް، އެއް އުމުރެއްގެ، އެއް ޖިންސެއްގެ 1445 ކޮވިޑަށް ފައްސިވެފައިވާ ވޭޕް ނުކުރާ މީހުންނާ ވެސް އިންޓަވިއު ކުރި،"ކަމަށް ބުންޏެވެ.

މި ދިރާސާގެ އަލީގައި އެ ޓީމުން ބުނެފައިވަނީ މި ހުރިހާ އެންމެންގެ އަލާމާތްތަކަކީ ވެސް އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ މެދުގައި ގިނައިން ރިޕޯޓް ކުރެވޭ އަލާމާތްތައް ކަމަށެވެ.