ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ނަމަވެސް ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނަ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން ނެރުނު 2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސިނގިރޭޓު އެންމެ ގިނައިން މިހާތަނަށް އެތެރެ ކުރި އަދަދާއި އަޅާބަލާއިރު މިދިޔަ އަހަރު ސިނގިރޭޓް އެތެރެ ކުރި މިންވަރު 31 ޕަސެންޓު ވަނީ މަދުވެފައެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ސިނގިރެޓުގެ ޓެކްސް ބޮޑު ކުރި ކޮންމެ ފަހަރަކު ވެސް އެތެރެ ކުރާ މިންވަރު ވަނީ ނިސްބަތުން މަދުވެފަ އެވެ. މިހާރު ކޮންމެ ސިނގިރެޓަކުން ތިން ރުފިޔާގެ ޓެކުހެއް ނެގުމުގެ އިތުރުން ސިނގިރެޓުގެ އަގުން 25ރ. ގެ ޓެކުހެއް ނަގަ އެވެ.

ސިނގިރޭޓު އެތެރެ ކުރާ މިންވަރު މަދުވި ނަމަވެސް ކަސްޓަމްސް އިން ނަގާ ޓެކްސްތައް ބޮޑުވުމުން ސިނގިރޭޓް އެތެރެ ކޮށްގެން ދައުލަތައް ލިބޭ އާމްދަނީ ވަރަށް ގިނައެވެ. މިދިޔަ އަހަރު ސިނގިރެޓުން ޓެކްސް ނަގައިގެން ކަސްޓަމްސްއަށް 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ކަސްޓަމްސްއަށް އަހަރު ދުވަހު ހޯދުނު އާމްދަނީގެ 33 އިންސައްތައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވޭޕާއި އެއާއި ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނަ ވަނީ އިތުރުވެފައެވެ. މީގެ ތިން އަހަރު ކުރިން ރާއްޖެއަށް އެތެރެ ކުރި ވޭޕާ ގުޅޭ ސާމާނުގެ އަގު ފަސް މިލިއަން ރުފިޔާއަށް ވެސް ނާރައެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ވޭޕާއި އެއާއި ގުޅޭ ސާމާނު އެތެރެކުރި އެވެ.

ވޭޕްގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތައް ސިނގިރޭޓަށް ވުރެ ވެސް ބޮޑު ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ނަމަވެސް ސިނގިރޭޓުން ނަގާ ވަރުގެ ޓެކުހެއް ވޭޕުން ނެގުމަށް އަދި ސަރުކާރުން ނުވިސްނައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިރާން

    ހައިރާންވެސް އަންތަރީސްވެއްޖެ. ރާއްޖޭގައި މަގުމަތީގައި ސިގިރޭޓް ބުއިން ހުއްޓުވަންވެއްޖެ. ހުޅުމާލޭގެ މަގުމަތީގައި ގޮނޑިބަހައްޓައިގެން ހޮޓަލާއި ރެސްޓޯރެންޓްވެސް ހިންގުން ނިމުމަކަށް ގެންނަންވެއްޖެ. މަގުމަތީގައި މިހެން ތިބެގެން ސިގިރޭޓާއި ވޭޕްއިން އަރުވާ ދުމުގެ ސަބަބުން މަގުމަތީގައި ހިނގާމީހުންނަށް ހުރިހާ ގެއްލުމެއް އޮތީ. އަދި ގޯތި ދޫކޮށްފައި އޮންނަ ހިސާބުގައިވެސް މިހެން ހުރި ތަންތަން މިއަށްވުރެ ހާލަތު ދަށުގައި އޮތީ. ދުމުގެ ވިހައިން ރައްޔިތުން ސަލާމަތްކޮށް ބޭހަށްކުރާ ޚަރަދު ކުޑަކުރެވޭނީ ގަވާއިދެއް ހަދައިގެން އެކަންޏެއް ނޫން. އެ ގަވާއިދު ހަރުދަނާކަމާއެކު ހިންގައިގެން. ގަވާއިދަށް ކަންކަން ހިނގާތޯ ބަލާނެ ބަޔަކު ނެތް. ތިބޭ ބަޔަކުވެސް މިތެނީ ރިޝްވަތުގެ އަވައިގައިޖެހިފައި.

  2. ބަބޫ

    އަލިފާން އަންދައިގެން އޭގެ ދުން ދެމުމާ ވޭޕްގެ ދުން (ވޯޓާ ވޭޕާ) ދެމުން ހާސް ބައި ތަފާތު. އަދި މިހާތަނަށް ހެދި އެއްވެސް ދިރާސާއަކުން ސިގިރޭޓަށްވުރެ ވޭޕް ގޯސްކަމަކަށް ނުދައްކާ. ވޭޕަކީވެސް ރަނގޅު އެއްޗެއް ނޫން. ސިގިރޭތަށް ވުރެ ރަނގަޅު އެއްޗެއް. ގިނަ މީހުން ވޭޕް ބޭނުންކުރަން ފެށީ ސިގިރޭޓް ހުއްޓާލަން ވެގެން. އަދި ދުވަސްކޮޅަކުން ވޭޕާ ދުރަށްދާން ފަސޭހަ ވީމަ. ވޭޕުގެ ޓެކްސް ބޮޑުކޮށްގެން މީހުނަށް ލިބޭނެ ވަކި ފައިދާއެއް ނެތް.

    2
    1
  3. މޮހޮނު 123

    ވޭޕްއަކީ ރާއްޖެއެތެރެކުރުން މިހާރުވެސް މަނާކުރަންވެފައިވާ އެއްޗެއް. އެޗްޕީ އޭއަށް އެކަން ކުރަން ނުކެރިގެން އުޅެނީ ކީއްވެގެންކަމެއް ނޭގޭ. މާލޭގެ ސްކޫލްތަކުގައިވެސް މިހާރު ވޭޕްކުރުން ވަނީ ޢާއްމުފެވައި.