ދުންފަތުގެ ނުސީދާ އަސަރުން ދުނިޔެއިން އަހަރަކު 1.2 މިލިއަން މީހުން މަރުވާ ކަމަށާއި، އެއީ ކޮންމެ ހަތަރު ސިކުންތުން މީހެއް ކަމަށް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ރިޕޯޓްގައި ބުނެފިއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދުުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ވާ ގެއްލުމުގެ އިތުރުން ތިމާގެ ވެއްޓަށް ވެސް އެތަކެއް ގެއްލުން ލިބެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުންނާއި ދުންފަތުގެ ވިހަ ދުމާއި ވިހަ އާތްވަށް ހުށަހެޅުމުގެ ސަބަބުން ދުނިޔޭގައި ކޮންމެ އަހަރަކު 8 މިލިއަން މީހުން މަރުވާއިރު، މީގެ ތެރެއިން 1.2 މިލިއަން މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ އެކަމަކު، ދުންފަތުގެ ނުސީދާ ދުމަށާ އާތްވަށް ހުށަހެޅިގެން މަރުވާ މީހުން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެގޮތަށް މަރުވާ މީހުންގެ ތެރޭގައި 65،000 ކުޑަކުދިން ހިމެނެއެވެ.

ދުންފަތުގެ ސަބަބުން ދުނިޔެއިން އަށް މިލިއަން މީހުން ކޮންމެ އަހަރަކު މަރުވާއިރު، އެއީ ކޮންމެ ހަތަރު ސިކުންތަކުން މީހެކެވެ.

މި ރިޕޯޓްގައި ދުންފަތުގެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑުކަން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު) ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކޮށްފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކަށް ވެފައިވަނީ ދުންފަތެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި ދިގުމުއްދަތުގެ ބަލިތަކެވެ. އެހެންކަމުން ބަލިމީހާއާއި އެ ޢާއިލާތަކުން އެތައް ހިތްދަތި ކަމާއި ވޭން ތަހަންމަލު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުލުބޭ

    އެހެންވީމާ މުޅިދުނިޔެ ހުއްޓުވާލި ކޮވިޑު ނުވިތާ އެއްޗަކަށް.

  2. ފާދިރީ ހަވާސާހިސާބު

    ސިގިރޭޓުގެ ސަބަބުން މި ރާއްޖޭގައި މަރުވާނީ ނިކަމެތިން، ސިޔާސީ މީހުންނާއި ވެރިން މަރެއްނުވާނެ އެމީހުން ބައްޔެއްވެސް ނުޖެހޭނޭ އޭގެ ތެރެއިން ގިނަބަޔަކު ބަލިވާނަމަ މިކަން މިހާރު އޮންނާނީ ހައްލުކޮށްފައި ކެއްސަރުބަލީގެ ވާހަކަވެސް ނުދައްކަނީ ސިޔާސީ ގިނަބަޔަކު މިބަލީގައި މަރުނުވާތީ މަރުވިނަމަ އެވާހަކަވެސް ދެއްކާނެ! ރައީސް އޮފީސް ކައިރީގައި އެއޮފީހުގެ މުވައްޒަފުން ސިގިރޭޓުބޯން ސަފުހަދާފައި އޮންނަތަން ރައީސްމީހާޔަށް ނުފެންނަނީތަ؟ ނޫނީނޭގެނީތަ؟ ދުންފަތުން ތަިމާވައްޓަށް ގެއްލުންވެޔޭ ކިޔާފައި މޮޅުވާހަކަދައްކާއިރު! ހުސްއަންގަ!