ރަޝިއާ ސިފައިން ޔޫކްރޭނަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ވިދާޅުވީ ރަޝިއާ ސިފައިން ޔޫކްރޭނަށް އަރާނީ ޑޮންބާސް ސަރަހައްދުގައި ތިބި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޔޫކްރޭންގެ ޑޮންބާސް އަކީ ރަޝިއާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ސަރަހައްދެކެވެ. އެސަރަހައްދުގެ މިލްކުވެރިކަމަށް މީގެ ކުރިން ވެސް ރަޝިއާ އިން ދައުވާ ކޮށްފައި ވެއެވެ.
ޑޮންބާސްގައި ރަޝިއާގެ ރައްޔިތުން ވެސް ދިރިއުޅެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ ގޮތުން ގަބޫލުކުރާ ގޮތުގައި ޑޮންބާސް އަކީ ޔޫކްރޭންގެ ސަރަހައްދެކެވެ.
ޔޫކްރޭންގެ ރައީސް ޒެލެންސްކީ މިއަދު ވަނީ އެމެރިކާގެ ސެނެޓް މެންބަރުންގެ ވަފްދަކާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުވުމަށް ފަހު ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ އަމަލުތައް ހުރިގޮތައް ބަލާއިރު ޔޫކްރޭނަށް ރަޝިއާ ސިފައިން ނާރާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ އިން ކައިރިއަށް ވަރަށް ގިނަ އަދަދެއްގެ ރަޝިއާ ސިފައިން ވަނީ ޖަމާކޮށްފައެވެ. ޔޫކްރޭން ސަރުކާރާއި އެމެރިކާ އަދި ނޭޓޯގެ ގައުމުތަކުން ވެސް ބުނަމުން އަންނަނީ ރަޝިއާ އިން ތައްޔާރުވަމުން ދަނީ ޔޫކްރޭނަށް އަރަން ކަމަށެވެ. ނަމަވެސް ރަޝިއާ އިން ބުނާ ގޮތުގައި ޔޫކްރޭނަށް ރަޝިއާ ސިފައިން އެރުވުމުގެ ވިސްނުމެއް ނެތެވެ.
މިހާރު އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން އަންނަނީ ޔޫކްރޭނާއި ރަޝިއާ ގުޅޭ ސަރަހައްދުގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ތައްޔާރުވަމުންނެވެ. އެތަމްރީންތައް އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެތަމްރީންތައް ފަށައިފިނަމަ މިހާރަށް ވުރެވެސް ބޮޑަށް މަސްރަހު ހޫނުވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެމެރިކާ ދެކެ ރަޝިޔާ ޖެހިލުމެއް ނުވާނެ ؛؛؛؛؛؛؛؛؛؛؛؛