މި އަހަރު އޮންނަ ބެއިޖިން ވިންޓާ އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލައި ޗައިނާއާ ދެކޮޅަށް ތުރުކީގެ އިސްތަންބޫލްގައި އުއީގާ ދަރިކޮޅުގެ މީހުން މުޒާހަރާ ކޮށްފިއެވެ.

ވިންޓާ އޮލިމްޕިކްސް ފެށެނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިއަދު ކުރިޔަށްދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އިރުމަތީ ތުރުކިސްތާނުގެ މިނިވަންކަމުގެ ހަރަކާތުގެ ނޫ ކުލައާއި ހުދު ކުލައިގެ ދިދަތައް ވިހުރުވަމުން، އެ ސިޓީގެ ތުރުކީގެ އޮލިމްޕިކް ކޮމިޓީގެ އިމާރާތް ކައިރިޔަށް އެއްވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ "ސްޓޮޕް ޖެނޮސައިޑް އޮލިމްޕިކްސް" ލިއެފައިވާ ބެނާތައް ހިފަހައްޓައިގެން ތިބެ، ނަސްލު ނެތިކޮށްލުމަށް ޗައިނާއިން މަސައްކަތް ކުރުމާއި، ކޭމްޕުތައް ޖަހައިގެން އުޅުން ހުއްޓާލުމަށް ގޮވާލައިފައެވެ.

އުއީގާ ދަރިކޮޅުގެ މީހުން ނެތިކޮށްލުމަށް ޖަރީމާތައް ހިންގަމުން ދާއިރު، އޮލިމްޕިކްސް ބޭއްވުމުގެ ހައްގު ޗައިނާއަށް ލިބިގެން ނުވާކަމަށް މުޒާހަރާގެ ބައިވެރިން ގޮވާލައިފައިވެއެވެ.

Uighurs in Turkey call for boycott of Beijing Winter Olympics | Uighur News | Al Jazeera

އދގެ ތަޖުރިބާކާރުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި، ފާއިތުވީ އަހަރުތަކުގައި ޗައިނާގެ ޒިންޖިއާންގެ ކޭމްޕްތަކުގައި މިލިއަނަކަށްވުރެ ގިނަ މީހުން ބަންދުކޮށްފައި އެބަތިއްބެވެ.

ބެއިޖިންއިން ދަނީ ޒިންޖިއާންގައި ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި، މަޖުބޫރުން މަސައްކަތްކުރުވާ ކޭމްޕްތައް ހިންގަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ޗައިނާގެ ރައިޓްސް ރެކޯޑާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާން އަދި ޑެންމާކް ފަދަ ގައުމުތަކުން ވަނީ ރަސްމީ ޑިޕްލޮމެޓިކް ވަފުދުތައް ގޭމްސްއަށް ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

ތުރުކީގެ އިތުރުން އިސްލާމިކް ސްޓޫޑަންޓް އެލަޔަންސް (އޭއެމްއައި) ގައި ހިމެނޭ ގްރޭޓާ ޖަކާޓާގެ އެކި ކެމްޕަސްތަކުގެ ދަރިވަރުން އިންޑޮނޭޝިއާއިން 2022 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލައިފައެވެ. އަދި އެ ދަރިވަރުން ވަނީ ޒިންޖިއާންގައި އަންހެނުންނާއި އުއިގާ ދަރިކޮޅުގެ މީހުން ރޭޕްކުރުން ފަދަ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ޗައިނާއަށް ގޮވާލައިފައެވެ.