ޔޫރަޕިއަން ޔޫނިއަނުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ހާރިޖީ ވަޒީރު ސަރްގެއި ލަވްރޯވްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން ނިންމާފައިވާ ކަމަށް އޮސްޓްރިއާގެ ހާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބާގް ވިދާޅުވެެއްޖެއެވެ.

ޝެލެންބާގް ވިދާޅުވީ، މި ދެ ބޭފުޅުންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރި ނަމަވެސް ދަތުރުފަތުރު ކުރުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިނުވާ ކަމަށެވެ.

" ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި މަޝްވަރާގެ ފުރުސަތު ދޭން ބޭނުންވާތީ، އެމީހުންނާ ދެކޮޅަށް ދަތުރުފަތުރުކުރުން މަނާކުރެވޭނެ ގޮތެއް ނޯންނާނެ،" ބްރަސަލްސްގައި ބޭއްވި އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޝްލެންބާގް ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން މި ފެށީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިއާ އިން ގަބޫލުކޮށް، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެ ދެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވުމަށް ފަހުއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއެކު، އީޔޫގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ އެ ގައުމަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކަށް ފަހު ފްރާންސްގެ ފޮރިން މިނިސްޓަރ ޖިއާން ޑްރިއަން ވިދާޅުވީ ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ހުރިހާ ގައުމެއްގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. އީޔޫގައި 27 މެންބަރު ގައުމު އޮވެއެވެ.

އީޔޫ ކޮމިޝަންގެ އިސްވެރިޔާ އުރުސުލާ ވޮންޑާ ލެޔެން މީގެ ކުރިން ވިދާޅުވެފައިވަނީ އާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމަށާއި، އާ ޓެކްނޮލޮޖީގެ ވަސީލަތްތައް ރަޝިޔާއަށް ލިބުމުގެ ފުރުސަތު ވެސް ކަނޑާލާނެ ކަމަށެވެ.