ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ދެ ދުވަހުގެ ތެރޭގައި އެ ގައުމުން އެއް ލައްކަ މީހުން ފައިބާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާ ސިފައިން ދަނީ ޔޫކްރެއިނަށް އަރާ އެ ގައުމުގެ ގިނަ ތަންތަނަށް އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އިންސާނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި މި ފަހުން ހަނގުރާމަ މެދުކަނޑާލަން ޔޫކްރެއިނާއި ރަޝިއާ އިން އެއްބަސްވެފައިވެއެވެ. އެކަމަކު، މި އެއްބަސްވުމާ އެއްގޮތަށް ރަޝިއާ އިން ބައެއް ސަރަހައްދުތަކުގައި އަމަލު ނުކުރާ ކަމަށްވެއެވެ. އޭގެތެރޭގައި ޔޫކްރެއިންގެ އެއް ސިޓީ ކަމަށްވާ މަރިއޮޕޮލް ހިމެނެއެވެ.

އެ ސަރަހައްދުން އިއްޔެ އެއްވެސް މީހަކަށް ބޭރަށް ނުކުމެވިފައި ނުވާ ކަމަށްވެއެވެ.

ފޭސްބުކްގައި ޒެލެންސްކީ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހަމަލާތައް ބަދަލު ކުރުން މެދުކަނޑާލި ސަރަހައްދުތަކަށް އެހީ އާއި ކާބޯތަކެއްޗާއި ބޭސް ފޮނުވާފައިވާ ކަމަށެވެ.

އެކަމަކު، މަރިއޮޕޮލް ހިފަން މަސައްކަތް ކުރާ ރަޝިއާ ސިފައިން އެ ސިޓީ އަށް ހަމަލާދޭތީ ކާބޯތަކެއްޗާއި ބޭސް ފޮނުވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާ އިން ބޮން އަޅައި ޑޮނެސްކް ސަރަހައްދުގައި ހުންނަ ސްޓޭޓް އެމަޖެންސީ ސާވިސް ޑިޕާޓްމަންޓްގެ މައި އިމާރާތް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

އެ އިމާރާތާ ޖެހިގެން ހުރި ތަނުގައި މަރިއޮޕޮލް ރައްޔިތުން ތިބީ އެ ސިޓީން ނުކުންނަން ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިން ދޫކޮށް އަވަށްޓެރި ގައުމުތަކަށް ދިޔަ މީހުންގެ އަދަދު މިހާރު ވަނީ ދެ މިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު