ޗައިނާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން އުފައްދާފައިވާ ބައިނަލްއަޤުވާމީ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގުތައް އަނެއްކާވެސް މައްޗަށް ޖެހެން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަދު މޮޑާނާގެ ހިއްސާގެ އަގު ވަނީ %8 މައްޗަށް ޖެހި 150.07 ޑޮލަރަށް އަރާފައެވެ. ބައޯއެންޓެކްގެ ހިއްސާގެ އަގަށް %12 އިތުރުވުމެއް އައިސް ހިއްސާއެއްގެ އަގު ވަނީ 151.92 ޑޮލަރަށް އަރާފައެވެ. ފައިޒާގެ ހިއްސާއެއްގެ އަގު %4 މައްޗަށް ޖެހި ހިއްސާއެއްގެ އަގު ވަނީ 52.25 ޑޮލަރަށް އަރާފައެވެ. ޖޯންސަން އެންޑް ޖޯންސަންގެ ހިއްސާގެ އަގު %1 މައްޗަށް ޖެހި ހިއްސާއެއްގެ އަގު ވަނީ 171.69 ޑޮލަރަށް އަރާފައެވެ.

އެމެރިކާގެ ހިއްސާގެ ބާޒާރުގައި ވެކްސިން ކުންފުނިތަކުގެ އަގުތައް މައްޗަށް ޖެހެން ފަށާފައި މިވަނީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނާއި އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުގެ ސަބަބުން ހިއްސާގެ އަގުތައް ދަށަށް ދިއުމަށް ފަހުއެވެ.

ޗައިނާގެ ބޮޑެތި ސިޓީތަކެއްގައި ކޮވިޑް-19 އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމުން ގިނަ ބަޔަކު އަންނަނީ ކޮވިޑަށް ފައްސިވަމުންނެވެ. މިހާރު ޗައިނާގައި ކޮވިޑް ހަލުވިކޮށް ފެތުރެމުން އަންނަ ސިޓީތަކުގެ ތެރޭގައި ޗައިނާގެ ދެކުނުގައި ޓެކްނޮލޮޖީގެ ހަބެއްގެ ގޮތުގައި ފާހަގަ ކުރެވެވޭ ޝެންޒެން ވެސް ހިމެނެއެވެ.

މިހާރު ޗައިނާގައި ކޮވިޑް ފެތުރެމުންދާ ގޮތައް ބަލާއިރު އެޕަލް ކުންފުންޏާއި ފޮކްސްކޮމް ކުންފުންޏާއި ޓޮޔޯޓާގެ ސަޕްލައި އަށް ވެސް ބުރޫއަރާފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ އަކީ ކޮވިޑާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން އަންނަ ގައުމެވެ. މިހާރު ވެސް ޗައިނާގައި ކޮވިޑް އިތުރުވުމާއިއެކު އެތައް މިލިއަން ބަޔަކު ވަނީ ފުރަބަންދު ކޮށްފައެވެ. ކޮވިޑް ފެތުރެމުންދާ ސަރަހައްދުތަކުގެ މީހުން ގެއިން ބޭރަށް ނިކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު