ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ ރަސްމީ ގެކޮޅަށް މީހަކު ޕެޓްރޯލް ބޮން އުކި ވީޑީއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯ އެންމެ ފުރަތަމަ އާންމުކޮށްފައި ވަނީ ޓިކްޓޮކް ބޭނުން ކުރަމުން އައި މީހެކެވެ. އެއާއެކު، ރަޝިއާގެ މީޑިއާތަކުން ވެސް ވަނީ މި ވީޑިއޯ ގެނެސްފައެވެ.

ވީޑީއޯ ނަގާފައި ވަނީ ޕުޓިން ގެކޮޅު ހުންނަ ސަރަހައްދުން ކާރެއްގައި ދިޔަ މީހެކެވެ. ވީޑިއޯ އިން ފެންނަނީ ފިރިހެނަކު ޕުޓިން ގެކޮޅުގެ ފާރު މަތިން ޕެޓްރޯލް ބޮން ވައްޓާލަން މަސައްކަތް ކުރާ ތަނެވެ.

އޭގެ ތެރެއިން އެއް ޕެޓްރޯލް ބޮން ފާރުގައި ޖެހި ކޮންމެވެސް ވަރަކަށް އަލިފާން ރޯވެފައިވާ މަންޒަރު ފެނިފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ގެކޮޅު ހުންނަ ސަރަހައްދަކީ ސެކިއުރިޓީ ވަރުގަދަ ސަރަހައްދެކެވެ. އެތަނުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ރަޝިއާ ސިފައިން ވެސް ހަރަކާތްތެރިވެއެވެ.

މި ވީޑިއޯ ޓިކްޓޮކްގައި އާންމުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 250،000 އަށް ވުރެ ގިނަ ވިއުސް ލިބުނެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމަ އަށް މަހެއްހާ ދުވަސްވީ އިރު، މި ހަނގުރާމައާ ދެކޮޅަށް ރަޝިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެފައެވެ. އަދި ރަޝިއާ ސިފައިން ނުކުމެ، މިހާތަނަށް އައިއިރު، 16،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ހަނގުރާމައިގައި ރަޝިއާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އަދި ޔޫކްރެއިނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގައުމުން ވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް މިހާތަނަށް އައިއިރު އެދެވޭ ނަތީޖާއެއް ނުނިކުމެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިފާގު

    ތީ ޕުޓިންގެ ގެކޮޅެއްނޫން..ތިއީ ރަޝިޔާގެ ރިޔާސީ ގަނޑުވަރު އަދި ރޫލާރގެ އޮފީސް. ސާބަސް ކަލޭމެން ތަންދޮރުނުދަންނަވަރު.