ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން އުފެއްދުމުގައި އެންމެ ފުރަތަމަ ކާމިޔާބު ހޯދި ފައިޒާ ކުންފުނިން މީގެ އެތައް އަހަރެއް ކުރިން އުފައްދައި ބޭނުން ކުރަމުން ގެންދިޔަ ބޭހަކުން ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާ އިން ބުނެފިއެވެ.

ލޭގެ ޕްރެޝަރު މައްޗަށްދާ މީހުންނަށް ހާއްސަކޮށްގެން ފައިޒާ އިން އުފައްދައި، ވިއްކަމުން ގެންދިޔަ ބޭހުން ވަނީ މަތީ މިންވަރަކަށް ނައިޓްރޯޒަމީސް ނަމަކަށް ކިޔާ މާއްދާއެއް ފެނިފައެވެ. މިމާއްދާ ވަކިވަރަކަށްވުރެ ގިނަ ވެއްޖެނަމަ އޭގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނާ ގޮތުގައި hydrochlorothiazide ނަމަކަށް ކިޔާ ބޭސް ބޭނުން ކުރުމުން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ދިރާސާ އިން ދައްކާފައިވާ ކަމަށެވެ.

ފައިޒާ އިން މިހާރު ވަނީ އެކުންފުނިން ވިއްކަން ނެރެފައިވާ މިބާވަތުގެ ހުރިހާ ބޭހެއް ބޭސް ފިހާރަތަކުން ނެގުމުގެ މަސައްކަތް ފަށާފައެވެ.

ފައިޒާގެ ބޭހަކުން ކެންސަރުގެ ނުރައްކާ އޮތްކަން ހާމަވުމުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ނައިޓްރޯޒަމީސް އަކީ ކާބޮތަކެއްޗާއި ފެނާއި އަދި އަދި މަހާއި ކޮންމެ ދުވަހަކު ބޭނުން ކުރާ ތަރުކާރީގައި ވެސް ހުންނަ މާއްދާއެއް ކަމަށެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގައި ނައިޓްރޯޒަމީސް ހުރި ނަމަވެސް ފައިޒާގެ ބޭހުން އެމާއްދާ ފެނިފައި ވަނީ ކޮންމެ ދުވަހަކު ބޭނުން ކުރުމުން ނުރައްކާވާވަރުގެ މަތީ މިންވަރަކަށް ކަމަށެވެ.

ނުރައްކާ އޮތް ބޭސް ބޭސްފިހާރަތަކުން ނަގަން ނިންމި ނަމަވެސް ފައިޒާ އިން ބުނީ ތަފާސް ހިސާބުތަކުން އަދިވެސް ދައްކާ ގޮތުގައި މިބޭސް ބޭނުން ކުރުމުން ރަނގަޅު ބަދަލުތަކެއް ބަލި މީހުންނަށް އަންނަ ކަމަށެވެ. އަދި މިހާރު ބޭސް ބޭނުން ކުރުމުގައި ވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ފައިޒާ އިން ބުނެއެވެ. ނަމަވެސް ދުރު މުސްތަގުބަލެއްގައި އެބޭސް ބޭނުން ކުރާ މީހުން ކެންސަރަށް ހުށަހެޅުމުގެ ނުރައްކާ އޮތް ކަމަށް ވެސް ފައިޒާގެ ބަޔާނުގައި އެކުންފުނިން އެއްބަސްވެފައި ވެއެވެ.

ފައިޒާ އިން ބުނީ މިބޭސް މިހާރު ބޭނުން ކުރަމުންދާ މީހުން ޑޮކްޓަރުންނާއި މަޝްވަރާކޮށް ބޭސް ބަދަލު ކުރުމަށް އެދޭކަމަށެވެ.

ފައިޒާގެ ބޭހަކުން ކެންސަރުގެ ނުރައްކާ އޮތްކަމަށް ދެއްކީ 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އެފްޑީއޭ އިން ކުރަމުން އައި ދިރާސާއަކުންނެވެ.