ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރަމުން ގެންދާ ހަނގުރާމަ މިއަދުން ފެށިގެން ރަމަޟާން މަސް ނިމެންދެން މެދުކަނޑާލާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.

ރަމަޟާން މަހަށް ޔަމަން ހަނގުރާމަ މެދުކަނޑާލަން ސައުދީ އަރަބިއްޔާ އިން އެއްބަސްވީ އދ.އިސްވެ އޮވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ. ޔަމަންގެ ހާލަތު ގޯސްވެ، އިންސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު މިލިއަނުން އިތުރުވަމުން އަންނާތީ އާއި ކާބޯތަކެތި ނުލިބި އެތައް މިލިއަން ބަޔަކު ބަނޑަށް މަރުވެދާނެ ކަމުގެ ބިރު ހީވެފައި ވާތީ ވަގުތީ ގޮތުން ނަމަވެސް ހަމަލާތައް މެދުކަނޑާލަން އދ.އިން އިން އައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޔަމަންގެ ހަނގުރާމަ ވަގުތީ ގޮތުން ނަމަވެސް މެދުކަނޑާލަން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނުން އެއްބަސްވުމަކީ ހަތް އަހަރު ވެފައިވާ ޔަމަންގެ ދާހިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދަން ކުރަމުން އަންނަ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އދ. މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަޝްވަރާތަކަށް ފަހު ހަމަލާތައް މެދުކަނޑާލާފައި އޮންނަ ރަމަޟާން މަހު ހޫތީން ކޮންޓްރޯލް ކުރާ ހޮދިދާހް ބަނދަރަށް ތެޔޮ ޓޭންކަރުތައް ދަތުރު ކުރުމުގެ ހުއްދަ އާއި އަދި ކޮންމެވެސް ވަރަކަށް ސަނާ އެއާޕޯޓަށް ފްލައިޓް ދަތުރުތައް ކުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސް އދ. މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހޮދިދާހް ބަނދަރަށް ވަނީ ތެޔޮ ޓޭންކަރުތަކެއް ބަނދަރު ކޮށްފައެވެ. 2015 ވަނަ އަހަރުން ފެށިގެން ސަނާ އެއާޕޯޓް އޮންނަނީ ބަންދު ކޮށްފައެވެ.

ޔަމަންގައި ހޫތީންގެ ބާރު ގަދަ ނަމަވެސް ޔަމަންގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ކޮންޓްރޯލް ކުރަމުން ގެންދަނީ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުންނެވެ.

ޔަމަންގައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާ އާއި އދ. މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިދިޔަ އަހަރު ވެސް ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެމަޝްވަރާތައް ނިމިގެން ދިޔައީ އެއްވެސް ކާމިޔާބެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުބޮލު ވަޒީރު

    ތިއަ ސައުދީއަކީ ފައްކާ ޔަހޫދީ މުނާފިޤުން. މުސްލިމުންނާ ހަނގުރާމަ ނުކޮށް އެމީހުން ނުތިބޭނެ. އިސްލާމީ އުންމަތުގެ ހަލާކު.