އުމުރުން 22 އަހަރުގެ އަންހެނަކު އޭނާ ރޭޕްކުރަމުންދިޔަ ވާހަކަތައް ހިއްސާކޮށްފައި މި ވަނީ އެ ވޭނުގައި ހަތަރު ދުވަސް ފަހުންނެވެ. އިންޑިއާގެ ހަރިޔާނާ އަވަށަށް ނިސްބަތްތާ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އޭނާ ވަޒީފާއެއް ހޯދުމަށް ގޮސްގެން އުޅެނިކޮށެވެ.

ފުލުހުންނަށް މައުލޫމާތުދެމުން އެ އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕްކޮށްފައި ވަނީ ހަތަރު ދުވަސްވަންދެން ގެސްޓް ހައުސްއެއްގައި ބަންދު ކުރުމަށްފަހުއެވެ. އެ އަންހެން މީހާ ބުނީ އޭނާ ރޭޕްކޮށްފައި ވަނީ 40 މީހުން ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް އެ މައްސަލަ ހުށަހަޅަމުން އެ އަންހެން މީހާ ބުނީ، އޭނާ ބަންދުކޮށްގެން ގެންގުޅެފައި ވަނީ މޮރްނީ ހިލްސްގެ ގެސްޓްހައުސްއެއްގައި ކަމަށެވެ. އަދި ޖުލައި މަހުގެ 15 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް އޭނާ އެތަނުގައި ބަންދުކޮށްގެން ގެންގުޅުނުއިރު، އެ މީހުން އެތައް ފަހަރަކު އޭނާ ރޭޕްކުރި ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާ އިތުރަށް ބުނިގޮތުގައި، އޭނާ އެ ގެސްޓް ހައުސްއަށް ދިޔައީ އެތަނުން ވަޒީފާއެއް ދޭނެކަމަށް ފިރިމީހާ ދަންނަ މީހަކު ބުނުމުން ކަމަށެވެ.

އެ މައްސަލާގައި އެ ގެސްޓް ހައުސްއިން ދެ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، ހައްޔަރުކުރި ދެ މީހުންނަކީ އެ އަންހެން މީހާ ރޭޕް ކުރުމުގައި ގުޅުމެއްވާ ބައެއް ކަމަށެވެ.

ފުލުހުން ބުނީ، މިހާރު އެ މައްސަަލަ ރެޖިސްޓާކޮށްފައިވާކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް އިންޑިއާގައި ރޭޕް ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވެއެވެ. އަދި އެކަން ހުއްޓުވުމަށް މާބޮޑު މަސައްކަތެއް ކުރަމުން އަންނަތަކެއް ނުފެނެއެވެ.