ޗައިނާގެ ޝަންހާއީގައި އާންމުންނާއި ފުލުހުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

އާންމުންނާއި ފުލުހުން ކުރިމަތިލާފައި މިވަނީ ޝަންހާއީ ގައި ކޮވިޑް-19 ޖެހިފައިވާ ފަރާތްތައް ގޭގައި ގެންގުޅުން މަނާކޮށް ކަމާބެހޭ ފަރާތްތަކުން އެކުލަވާލި ގަވާއިދާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އާންމުން މަގުމައްޗަށް ނުކުމެފައި ވަނިކޮށެވެ.

25 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޝަންހާއީ އަކީ ޗައިނާގެ އިގްތިސާދުގެ މައި އެއް މަރުކަޒެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވޫހާންގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ވައިރަސް ފެތުރެން ފެށި ދުވަސްވަރު އެންމެ ބާރު ބޮޑުވި އެއް ސިޓީއަށް އެ ސިޓީ ވެފައިވާއިރު މިހާރުވެސް އެ ސިޓީގެ ރައްޔިތުން ކުރިމަތިލާން ޖެހިފައި ވަނީ އެފަދަ އުނދަގޫ ތަކަކާއިއެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުން އަނެއްކާވެސް އެ ސިޓީގައި އިތުރުވެފައިވާއިރު އެ ބަލިން ސިޓީގެ ރައްޔިތުން ސަލާމަތް ކުރުމަށް ބަލި ޖެހިފައި ތިބި މީހުން ބޭތިއްބުމަށް އެތައް ހާސް އެނދުތަކެއް ބިނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ޝަންހާއީގައި އެކަހެރިކޮށްފައި ތިބި ބައެއް މީހުން ވަނީ ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން ހާމަކޮށް މީސްމީޑިޔާގައި އަޑުއުފުލާފައިއެވެ. ބައެއް ފަރާތްތަކުން ބުނަމުންދާގޮތުގައި މީސްމީޑިޔާގައި މިފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ކަމާބެހޭ ފަރާތްތަކުން ދަނީ އަދަބުތައްވެސް ދެމުންނެވެ.

ޝަންހާއީގެ ބައެއް ރައްޔިތުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަމަލުކުރާ ގޮތާ މެދު ރުޅިވެރިކަން ފާޅުކޮށް މީސްމީޑިޔާގައި އަޑުއުފުލާފައިއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު