ސްރީލަންކާގެ ރައީސް ގޮޔަބަޔާ ރާޖަޕަކްސަ އެގައުމުގައި ކުރައްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ގޮޔަބަޔާ ދެންމެ ނެރުއްވި ރިޔާސީ ޤަރާރެއްގައި ވަނީ މިރޭ މެންދަމު ސްރީލަންކާގެ ގަޑިން 00:00 އިން ފެށިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރަމުން ގެންދާނެ ކަމަށެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގޮތަބަޔާ ނެރުއްވި ރިޔާސީ ޤަރާރުގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޒަރޫރީ ހިދުމަތްތައް އެއްވެސް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއިއެކު އެގައުމުގެ ފުލުހުން މިރޭ ވަނީ ސަރުކާރާއި ދެކޮޅަށް ގާނޫނު ހަދާ މަޖިލިސް ކައިރީ ކުރިއަށް ގެންދިޔަ މުޒާހަރާއެއް ބާރުގެ ބޭނުން ކޮށްގެން ރޫޅާލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ޤަރާރު ގާނޫނު ހަދާ މަޖިލީހުން ފާސްކުރަން ޖެހޭނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ވަނީ ގެއްލިފައެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން ޤާނޫނު ހަދާ މަޖިލީހުން ފާސް ނުކުރެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގެ ކެބިނެޓްގެ މިއަދުގެ ބައްދަލުވުމަށް ފަހު ބޮޑުވަޒީރު ރާޖަޕަކްސަ ވަނީ އަންނަ ހޯމަ ދުވަހު ސަރުކާރުން މުހިއްމު ކަންތައްތަކެއް އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަންކަމުގެ އެއްވެސް ތަފްސީލެއް ރާޖަޕަކްސަ ނުދެއެވެ.

ބޭރު ފައިސާ ލިބުން ދަތިވެ ސްރީލަންކާ އޮތީ އިޤުތިޞާދީ ތަދުމަޑުކަމެއްގެ ތެރޭގައެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް އަންނަނީ މެދުކެނޑުމެއްނެތި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ދިގުލައިގެން ދާއިރު ޒަރޫރީ ތަކެތި ލިބުން ދަތިވާ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ހާލަތު ރަނގަޅު ނުވާތީ ސަރުކާރަށް އަންނަނީ ސިޔާސީ ޕްރެޝަރު ބޮޑުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު