ކިއުބާގެ އެންމެ ހާއްސަ ފަސް ތަރީގެ ހޮޓަލެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 22 މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އޯލްޑް ހަވާނާގެ ސަރަތޯގާ ހޮޓަލުގެ ބޭރުގައި ޕާކްކޮށްފައި އޮތް ގޭސް ޓޭންކަރެއް ގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި އެ އިމާރާތުގެ ގިނަ ފަންގިފިލާތަކަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.

ކޮވިޑް-19 ގެ އަލާމީ ވަބާއާ ގުޅިގެން ބަންދުކޮށްފައި އޮތް އެ ހޮޓާ އަލުން ހުޅުވަން ހަމަޖެހިފައި އޮތީ ހަތަރު ދުވަސް ފަހުން ކަމަށް ވެއެވެ.

މިހާރު އެ އިމާރާތުން ވެއްޓުނު ފާރުތަކުގެ ދަށުގައި ބަޔަކު ވޭތޯ ބެލުމަށް އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ.

ކިއުބާގެ ރިޔާސަތުން ބުނީ މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ކައިރި ހޮސްޕިޓަލެއްގައި ފަރުވާދެމުންދާ ކަމަށް ބުނެފައި ވެއެެވެ.

ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކާނެލް ވަނީ ގެއްލުން ލިބުނު ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. ރައީސް ވިދާޅުވީ އެއީ ބޮމެއް ނުވަތަ ހަމަލާއެއް ނޫން ކަމަށާއި އެއީ ހިތާމަވެރި އެކްސިޑެންޓެއް ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ކޮވިޑާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިކަމަށް އުނދަގޫ ދެ އަހަރަށްފަހު އަލުން އެ ދާއިރާ ކޮޅަށް ޖެހުމަށް މަސައްކަތްތައް ކުރަމުން ދަނިކޮށް ކަން ފާހަގަކޮށްލަން ޖެހެއެވެ.