ސްރީލަންކާގެ ބޮޑުވަޒީރު ކަމުން މިމަހުގެ 09 ވަނަ ދުވަހު އިސްތިއުފާ ދެއްވި މަހިންދްރަ ރާޖަޕަކްސަ އާއި ފުލުހުން ސުވާލުކޮށް އޭނާގެ ބަޔާނެއް ނަގައިފިއެވެ. ރާޖަޕަކްސަ އާއި ފުލުހުން ސުވާލު ކުރީ އޭނާ އިސްތިއުފާ ދެއްވި ދުވަހު އެގައުމުގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ސަރުކާރާއި ދެކޮޅު ފަރާތްތަކަށް ހަމަލާ ދިން މައްސަލަ އާއި ގުޅިގެންނެވެ.

ސްރީލަންކާގެ ފުލުހުން ބުނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ) ފުލުހުން އިއްޔެ ރާޖަޕަކްސަގެ ބަޔާނެއް ނަގާފައިވާ ކަމަށެވެ. ބަޔާން ނެގީ މެއި 09 ވަނަ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެންކަން ފުލުހުން ވެސް ކަށަވަރު ކޮށްދެއެވެ.

ފުލުހުން އިއްޔެ ރާޖަޕަކްސަގެ ބަޔާން ނަގަން ތިން ގަޑިއިރު ހޭދަކުރިއެވެ. ނަމަވެސް ބަޔާން ނެގީ އޭނާ މިހާރު ދިރިއުޅުއްވާ ތަނަށް ފުލުހުންގެ ޓީމެއް ގޮސްގެންނެވެ. ރާޖަޕަކްސަ ފުލުހުންގެ މަރުކަޒަށް ހާޒިރު ކޮށްފައެއް ނުވެއެވެ. ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ފަހުން ވެސް ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދަވަނީ ސަރުކާރުގެ ހިމާޔަތުގައި ސިއްރު ތަނެއްގައެވެ. ބެލެވޭ ގޮތުގައި އޭނާ އާއިލާ އާއިއެކު ދިރިއުޅުއްވަމުން ގެންދަވަނީ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒެއްގައެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ގޯލްފޭސް ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ މީހުންގެ ތެރެއިން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން މެއި 09 ވަނަ ދުވަހު ވަދެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިއެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ހުރި ސަރުކާރަށް ތާއިދުކުރާ އިސްވެރިންގެ ގެތަކާއި އޮފީސް އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅު ޖަހާފައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން އިދިކޮޅު މުޒާހަރާގެ ތެރެއަށް ވަދެގަތީ ރާޖަޕަކްސަ އެކަން ކުރަން އެންގުމުންނެވެ.

ރާޖަޕަކްސަ އާއި އާއިލާގެ ގިނަ މެންބަރުންނާއި އަދި އޭނާގެ ޕާޓީގެ ގިނަ މެންބަރުންގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެވެ. ފުލުހުން ބުނާ ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މެއި 09 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ ތަހްގީގު ނިމެންދެނެވެ.