ހަތްފާއެއްގެ ތެރޭގައި އިނގިރޭސިވިލާތުން 1.7 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެގައުމުގެ ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ބުނީ، މިދިޔަ ހަފްތާގެ ތެރޭގައި 1.7 މިލިއަން މީހުން އެގައުމުން ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ކުރީ ހަފްތާގައި 1.4 މިލިއަން މީހުން މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އެގައުމުން އެހާ ގިނަ މީހުން ކޮވިޑަށް ފައްސިވާން ފަށާފައިވަނީ އޮމިކްރޮންގެ ވޭރިއެންޓް ކަމަށްވާ BA.4 އާއި BA.5 ފެތުރެން ފެށުމާއި ގުޅިގެންނެވެ.

އެގައުމުން މި އަދަދުތައް ހާމަކޮށްފައިވާއިރު، މިއީ މިދިޔަ އޭޕްރިލް މަހުގެ ތެރެގައި އެގައުމުން މި ބައްޔަށް ފައްސިވި މީހުންނަށްވުރެ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެގައުމަށް އައި ކޮވިޑްގެ ރާޅަށްވުރެ ވެސް ބޮޑު ރާޅަކަށް ވެދާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

އެގައުމުން މިހާތަނަށް 22,592,827 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 179،927 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލީގައި 22،108،989 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތު 303،911 މީހަކަށް ބަލި ޖެހިފައި އެބަ ތިއްބެއެވެ. އޭގެ ތެރެއިން 146 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު އަނެއްކާވެސް އަންނަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންނެވެ.