ޔޫކްރޭންގެ ކާގޯ ފްލައިޓެއް ގްރީސްއަށް ވެއްޓިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވެއްޓުނު ކާގޯ ފްލައިޓްގައި "ނުރައްކާތެރި އެއްޗެހިތަކެއް" ހުއްޓެވެ. ނަމަވެސް ފްލައިޓްގައި ހުރި ތަކެތީގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ފްލައިޓް ވެއްޓުނުއިރު ފްލައިޓްގައި އަށް މީހުން ތިއްބެވެ. އެއްވެސް މީހަކު މިހާދިސާގައި ސަލާމަތްވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ފްލައިޓް ވެއްޓުނުތާ ދެގަޑިއެއްހާރު ފަހުން ފްލައިޓް ވެއްޓުނު ސަރަހައްދުން ވަރަށް ބާރުގަދަ އަޑަކާއިއެކު އެއްޗެއް ގޮވާފައި ކަމަށް ވެސް ގްރީސްގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެގޮވުމާއިއެކު ވަރަށް ބޮޑު އަލިފާންގަނޑެއް ރޯވި މަންޒަރު ފެނިފައި ވެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ބާރުގަދަ ގޮވުމަކީ ކާގޯ ފްލައިޓްގައި ހުރި ކޮންމެވެސް އެއްޗެއްގެ ސަބަބުން ގޮވި ގޮވުމެކެވެ. ކާގޯ ފްލައިޓްގައި ހުރުން އެންމެ އެކަށީގެންވަނީ ނުރައްކާތެރި ގޭހެއް ނުވަތަ ކެމިކަލެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުން ކެމިކަލެއްގެ ވަސް ދުވި ކަމަށާއި ފްލައިޓް ވެއްޓުނު ސަރަހައްދުގައި ދިރިއުޅޭ މީހުން ގެއިން ނުނިކުމެ، ގޭގެ ދޮރުތައް ލައްޕައިގެން ތިބެން ފުލުހުން އިރުޝާދު ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފްލައިޓް ވެއްޓުމުގެ ކުރިން ފްލައިޓްގެ ޕައިލެޓް ވަނީ ފްލައިޓަށް މައްސަލައެއް ދިމާވެގެން ކުއްލި ހާލަތުގައި ފްލައިޓް ޖައްސަން ބޭނުންވާ ކަމަށް ބުނެފައެވެ. ފްލައިޓް ވެއްޓުނީ ކުއްލި ހާލަތުގައި ފްލައިޓް ޖައްސަން އެއާޕޯޓަކާއި ވަރަށް ކައިރިވެފައި ވަނިކޮށެވެ.

ވެއްޓުނު ފްލައިޓަކީ ވަރަށް ގިނަ ދުވަސްވީ ފްލައިޓެއް ކަމަށް ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ސޯވިއެޓް ޔޫނިއަން ދުވަސްވަރު އުފައްދާފައިވާ ފްލައިޓެކެވެ. މި ފްލައިޓަކީ ޔޫކްރޭންގެ އަސްކަރިއްޔާ އާއި ގުޅުމެއް އޮތް ފްލައިޓެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރުކޮށެއް ނުދެއެވެ.