ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ އެއާޕޯޓްތަކެއްގެ ރަންވޭގެ ތާރުތައް ހޫނު ގަދަވުމުގެ ސަބަބުން ވިރެމުން އެބަދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުންނެވެ.

ރަންވޭގެ ތާރުތައް ވިރެމުން އަންނާތީ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އޮފްސްފޯޑްޝައާ އެއާބޭސްގެ އެއާޕޯޓްގައި ފްލައިޓްތައް ޖެއްސުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އަސްކަރީ އެއާޕޯޓަށް ފްލައިޓްތައް ޖެއްސުން މެދުކަނޑާލި ނަމަވެސް އަސްކަރީ އެއްވެސް އޮޕަރޭޝަނަކަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ލުޓޮން އެއާޕޯޓްގެ ރަންވޭ ބަންދުކުރަން ޖެހުމުން އެއެއާޕޯޓަށް ޖައްސަން ތާވަލް ކޮށްފައި ހުރި ފްލައިޓްތައް ވަނީ އެހެން އެއާޕޯޓްތަކަށް ޑައިވާޓް ކޮށްފައެވެ. އެއެއާޕޯޓުން ބުނީ ރަންވޭގެ ތާރުތައް ވިރެމުން އަންނާތީ ރަންވޭ ބަންދުކޮށް މިހާރު ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެއާޕޯޓުން އަލުން ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރާކަމަށް ވެސް ބުންޏެވެ.

މިހާރު އިނގިރޭސިވިލާތައް ހޫނުވަމުން އަންނަނީ ރެކޯޑް މިންވަރަކަށެވެ. މީގެ ކުރިން އިނގިރޭސިވިލާތައް މިހައި ހޫނު ގަދަވިކަމަކަށް ރެކޯޑް ކުރެވިފައެއް ނުވެއެވެ. މިހާރު ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ވެސް މިހާރު ވަނީ އަލިފާން ރޯވެފައެވެ. ހޫނު ގަދަވުމުގެ ސަބަބުން މިހާރުވެސް ވަނީ ބައެއް މީހުން މަރުވެފައެވެ. ހޫނު ގަދަވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ހޫނު ގަދަވުމުގެ ސަބަބުން ބައެއް ރޭލް ދަގަނޑުތައް ވެސް ހަލާކުވެ ރޭލް ދަތުރުތަކަށް ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގެ އެއާކޯންތައް ހަލާކުވެ ބަލި މީހުންނަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.