ހޫނު ގަދަވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ލަންޑަންގައި ރޯވެ އަނދަން ފަށައިފިއެވެ.

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގައި ރޯވި އަލިފާން ގަނޑުގެ އަސަރު ގެތަކަށްކޮށް ބައެއް ގެތަކުގައި އަލިފާން ރޯވެފައިވާ ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ލަންޑަންގެ ބައެއް ގެތަކުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ރޯވެފައިވާ ސަރަހައްދުގައި ގާތްގަނޑަކަށް 300 ވަރަކަށް މީހުން އަންނަނީ ދިރިއުޅެމުންނެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އަލިފާނުގެ ސަބަބުން ގެތައް ސުންނާފަތިވެފައިވާ މަންޒަރާއި ބޮޑު ސަރަހައްދަކަށް ދުން ފެތުރިފައިވާތަން ފެނިގެންދެއެވެ.

އެގައުމުގެ އިދާރާތަކުން ބުނެފައިވަނީ އަލިފާން ނިއްވާލުމަށް އަލިފާން ރޯވެފައިވާ ސަރަހައްދަށް 15 އިންޖީނު ފޮނުވާފައިވާ ކަމަށެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެގައުމުގެ ގެތައް އަނދަމުން އަންނައިރު، ހޫނުގެ ސަބަބުން އެގައުމުގެ އެއާޕޯޓްތަކެއްގެ ރަންވޭގެ ތާރުތައް ވިރެމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މެދުތެރޭގައި އޮންނަ ލުޓޮން އިންޓަނޭޝަނަލް އެއާޕޯޓާއި އިނގިރޭސިވިލާތު ސިފައިންގެ އެންމެ ބޮޑު އަސްކަރީ އެއާޕޯޓް ކަމަށްވާ އޮކްސްފޯޑްޝައާގެ އެއާޕޯޓް ރަންވޭގެ ތާރުތައް އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން ވިރެމުންނެވެ.