ތައިލެންޑްގެ ބޮޑުވަޒީރު ޕްރިޔުތު ޗަން-އޯޗާ އާއި އޭނާގެ ކެބިނެޓްގައި ހިމެނޭ ދިހަ ވަޒީރުންގެ އިތުބާރުނެތް ކަމަށް ފާސްކުރަން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މައްސަލަ އިން އަނެއްކާވެސް ސަލާމަތްވެއްޖެއެވެ. މިއީ ޕްރިޔުތުގެ ސަރުކާރުގެ އިތުބާރުނެތް ކަމަށް ފާސްކުރަން މަޖިލީހަށް ހުށަހެޅި ހަތަރު ވަނަ ފަހަރެވެ. ހަތަރު ފަހަރު ވެސް އޭނާ ވަނީ އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތް ވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔުތުގެ ސަރުކާރު އަނެއްކާވެސް އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތްވުމަކީ މީގެ 11 މަސްދުވަސް ފަހުން އަޮންނަ އާއްމު އިންތިހާބާއި ކުރިމަތިލާން ވާއިރަށް ޕްރިޔުތުއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ކުރިން ސިފައިންގެ ވެރިޔާގެ މަގާމު ފުރި 68 އަހަރުގެ ޕްރިޔުތު ތައިލެންޑްގެ ވެރިކަމަށް އައީ 2014 ވަނަ އަހަރު ގެނައި ބަޣާވާތެއްގައެވެ. ހޮނިހިރު ދުވަހު ޕްރިޔުތުގެ ސަރުކާރަށް އިތުބާރު އޮތްތޯ ބަލަން ނެގި ވޯޓްގައި ސަރުކާރަށް އިތުބާރު އޮތްކަމަށް 256 މެންބަރުން ވޯޓް ދެއްވިއެވެ. 206 މެންބަރުން ވޯޓް ދެއްވީ އިތުބާރު ނެތް ކަމަށެވެ. ނުވަ މެންބަރަކު މަޖިލީހުގެ ޖަލްސާއަށް ހާޒިރެއް ނުވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ 477 މެންބަރުންގެ ތެރެއިން 239 މެންބަރުންގެ ވޯޓް ބޮޑުވަޒީރޔ މަގާމުން ދުރުކުރަން ބޭނުންވެއެވެ.

ސަރުކާރުގެ ތަރުޖަމާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރިޔުތުގެ ސަރުކާރުގެ އިތުބާރުނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި ވަނީ ދޮގު މައުލޫމާތުތައް ހިމަނައިގެން ކަމަށެވެ. އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތްވުމުން އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކުގެ ހަގީގަތް ހާމަކުރަން ސަރުކާރަށް ފުރުސަތު ލިބިފައިވާ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ، އަދި އިޤުތިޞާދު މެނޭޖް ކުރުމުގައި ސަރުކާރު ފެއިލްވެ، ގައުމުގެ އިޤުތިޞާދަށް ނުރައްކާވެފައިވާ ކަމަށް ބުނެއެވެ.