އިގްތިސޯދީ ކާރިސާއެއް ދިމާވެފައިވާ އަވައްޓެރި ސްރީލަންކާ އިން އަނެއްކާވެސް ޗައިނާގެ އެހީތެރިކަމަށް އެދިފައިވާކަން ހާމަކޮށްފިއެވެ.

ލަންކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕަލިތާ ކޮހޮނަ ވިދާޅުވީ، ފަތުރުވެރިކަމާއި، އިންވެސްޓުމެންޓު އަދި ވިޔަފާރީގެ ރޮނގުން ޗައިނާއިން އެހީތެރިކަން ފޯރުކޮޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ކޮހޮނަ ވިދާޅުވީ އެގައުމުން އުފައްދާ ސައިފަތާއި، ގަހަނާ އަދި ހަވާދުގެ ބާވަތްތައް ޗައިނާގެ މާކެޓުގައި ފުޅާކުރުމަށް އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. ތަކެތި ގަންނަ މިންވަރު އިތުރު ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ބާރު އެޅުމަށް ސްރީލަންކާއިން ބޭނުންވާ ކަމަށާއި މީގެ އިތުރުން، ޗައިނާއަށް މުދާ އެތެރެކުރުމާ ގުޅޭ އިދާރީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާގެ މާކެޓު ބޮޑުކުރުމަށްވެސް ވަނީ އެހީއަށް އެދިފައެވެ. 2018 ވަނަ އަހަރު އެ ޤައުމަށް 265,000 ޗައިނާގެ ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ނަމަވެސް، 2019 ވަނަ އަހަރު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއާއި ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ޗައިނާއިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

ކޮވިޑް ފެތުރެން ފެށިފަހުން އަދި ޗައިނާގެ ބޯޑަރު ހުޅުވައެއް ނުލައެވެ. އެހެންވެ މިހާރު ޗައިނާގެ ފަތުރުވެރިން އެއްވެސް ވަރަކަށް ސްރީލަންކާއަށް ޒިޔާރަތެއް ނުކުރެއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ޓްރެވަލް ބަބްލްއެއް ގާއިމުކޮށް ޗައިނާ ފަތުރުވެރިން ސްރީލަންކާއަށް ދަތުރުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން މީގެ ކުރިން ވެސް ދެގައުމުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން އެގައުމުގެ ވެރިކަންކުރާ ކޮލަމްބޯ އަދި ހަމްބަންޓޯޓާގައި ހުންނަ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ކޮވިޑް-19 އާއި ގުޅިގެން ވަނީ ހުއްޓިފައިކަމަށާއި، އެތަނަށް އިންވެސްޓުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮޓަބެ

    ޗަކޮޔެ އަނެށްކާ ބޮޑި އެށް ބޯން ތިިޔާ އުޅުއް ވަނީ.

  2. ގޮޓަބެ

    ގޮޓަބެ

  3. ސަބަޓް

    ސިޔާސީ ބޭނުމަށް ޗައިނާ ބަދުނާމުކޮށްފަ އެހީއަށް އެދެން ކަލޭމެން ލަދެއް ނުގަނޭތަ؟ މޯލްދީވްސްގަ އުޅޭ ރަންރީދޫ ބައިގަނޑުފަދައިން ތިޔައީވެސް މަރުމޯލުންތަކެއް!