ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަންނަމުންދާ ކަމުގައި އެގައުމުން ބުނެފިއެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް 49 ފަހަރެއްގެ މަތިން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމުގައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެން ނުރުހުން ފާޅުކޮށް، ޓައިވާނަށް ބިރު ދެއްކުމުގެ ގޮތުން، ޗައިނާއިން ވަނީ ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ. މި ތަމްރީނުތަކުގެ ދަށުން، ޗައިނާގެ އަސްކަރީ މަނަވަރުތައް ވަނީ ޓައިވާނުގެ ކަނޑުގެ ސަރަޙައްދު ވަށާލައިފައެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން ބުނީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް 49 ފަހަރެއްގެ މަތިން އެ ގައުމުގެ ވައިގެ ސަރަޙައްދަށް ވަނުމުން، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓުތައް އެ ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމުގައެވެ. އަދި، ޗައިނާގެ އުޅަނދުތައް ފައްސާލާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޗައިނާގެ ހަތް އަސްކަރީ ޑްރޯންއެއް ޓައިވާނުގެ ރަށްތަކެއް ކަމުގައިވާ ކިންމެންއާއި މަޓްސޫ ކައިރިން ދަތުރު ކުރަން ފެށުމުން "ފްލެއަރ" ބޭނުން ކުރަން ޖެހުނު ކަމުގައި ވެސް ޓައިވާނުން ބުނެއެވެ.

ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާގައި ކޮމިއުނިސްޓު ވެރިކަން ގާއިމުވުމުން އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ނެޝަލިސްޓުން ފިލަން ދިޔަ ކުޑަ ޖަޒީރާ ރަށެކެވެ. އެކަމަކު، މިހާތަނަށް އައިއިރުވެސް އެއި މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާނުކޮށްފައިވާ ގައުމެއް ނޫނެވެ. ދުނިޔެއިން ބަލައިގެންފައިވަނީ ޗައިނާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާއިޒު

    ޓައިވާނުގެ ވައިގެ ސަރަޙައްދެއް ނޯންނާނެ. ބައިނަލް އަޤްވާމީގޮތުން ޓައިވާނަކީ ވަކި ޤައުމެއްކަމަށް ކަނޑައަޅާފައި ނުވާއިރު ތިކިޔާ ޓައިވާނަކީ ކުރީއްސުރެ ޗައިނާގެ ސަރަޙައްދެއްކަމަށް ވާނަމަ ޗައިނާ ބޭނުންގޮތަކަށް އެސަރަޙައްދުގައި އުޅެވޭނެއެވެ.