އޭނާގެ ގެއަށް ވަދެ އެފްބީއައި އިން ފާސްކުރި މައްސަލައިގައި އަމަލުކުރީ އެހެން ރައީސުންނާ މެދު އަމަލު ކުރި ގޮތާ ހިލާފަށް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ގެއަކަށް އެފްބީއައި އިން ވަދެފައި ވަނީ އެމެރިކާގެ ވެރިކަމުގައި ޓްރަމްޕް ހުރިއިރު އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް މާލާގޯގައި ހުންނަ ގެއަށް ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ނަމަވެސް ޓްރަމްޕް ބުނީ ވެރިކަމުގެ ދައުރު ހަމަވިފަހުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަމިއްލަ ގެކޮޅަށް ވަޑައިގެންނެވި އިރު ވެސް އެތައް ބައިވަރު ސިއްރު ޑޮކިއުމަންޓް ގެންދެވި ކަމަށެެވެ.
އަދި އޮބާމާ ގެންދެވި ޑޮކިއުމަންޓްތަކުގެ ތެރޭގައި ނިއުކުލިއާ ކަންކަމާ ގުޅޭ ސިއްރު ލިތުންތައް ވެސް ހިމެނޭ އިރު އެފްބީއައިން އެއްވެސް އެއްޗެއް ނުބުނާ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
އެމެރިކާގެ ޥޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަޕްގެ ގެކޮޅުން 20 ފޮށީގެ ޑޮކިއުމަންޓް ނެރުނެވެ. އޭގެ ތެރޭގައި ޓޮޕް ސީކްރެޓް ޑޮކިއުމަންޓާއި އަދި ކްލެސިފައިޑް ޑޮކިއުމަންޓް ހިމެނެއެވެ.
ޓްރަމްޕްގެ ގެ ފާސްކުރީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެ ހުއްދައިގެ ދަށުން ޓްރަމްޕްގެ މުޅި ގެ ބަލާ ފާސްކުރުމުގެ ހުއްދަ އޮތީ ދީފައެވެ.
ޓްރަޕްމްގެ ގެ އެފްބީއައި އިން ވަން މައްސަލައިގައި އޭނާ ނިސްބަތްވާ ޕާޓީ، ރިޕަބްލިކަންގެ މެމްބަރުން ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ވެސް ރިޕަބްލިކަން ޕާޓީން ވަނީ ވައުދުވެފައެވެ.