ޓައިވާންގެ ސަރަހައްދަށް ވަން ޗައިނާގެ ޑްރޯންތަކަކަށް ފުރަތަމަ ފަހަރަށް ޓައިވާންގެ ސިފައިން ބަޑިން އިންޒާރު ދީފި އެވެ.

ޓައިވާންގެ އާމީ ކޮމާންޑުން ބުނީ ޗައިނާގެ ޑްރޯންތަކެއް ވަނީ ޓައިވާންގެ ރަށެއް ކަމަށްވާ އެރުދާން އާއި ކައިރި ކޮށްފައި ކަމަށެވެ. އެ ޑްރޯންތައް ޓައިވާންގެ ރަށާއި ކައިރި ކުރުމުން ބަޑިން އިންޒާރު ދިން ކަމަށާއި އަދި އެކަމާ ގުޅިގެން އެ ޑްރޯންތައް އަނބުރާ ޗައިނާއަށް ދިޔަ ކަމަށް ޓައިވާނުން ބުނެއެވެ. މީގެ ކުރިން ޓައިވާނުން ޗައިނާގެ އެއްވެސް އުޅަނދަކަށް މިގޮތައް ބަޑިން އިންޒާރު ދީފައެއް ނުވެއެވެ.

ޓައިވާންއިން މިގޮތަށް އަމަލުކުރަން މި ފެށީ ޗައިނާއިން ޓައިވާންގެ ތެރެއަށް ގަވައިދާ ހިލާފަށް ވަންނަ ޑްރޯންތަކާ އެހެނިހެން ވައިގެ އުޅަނދުތަކާ މެދު މުޅިން އާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޓައިވާންއިން ބުނިތާ ދެ ދުވަސް ފަހުން ނެވެ.

ޗައިނާއާއި ޓައިވާންގެ މަސްރަހު މި ފަހުން ހޫނުވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރަައީސް ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވުމާ ގުޅިގެން ނެވެ. ނެންްސީ ޓައިވާންއަށް ވަޑައިގެންނެވީ އެ ގައުމަށް ވަޑައިނުގަތުމަށް ގޮވާލައި ޗައިނާއިން އިންޒާރުވެސް ދީފައި އޮއްވަ އެވެ.

އަދި އޭގެ ފަހުން ޗައިނާއިން ދަނީ ޓައިވާން ވަށާލައި ވަރުގަދަ އަސްކަރީ ފަރިތަކުރުންތަކެއް ހިންގަމުން ނެވެ.

ޗައިޖިންއިން ބުނާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ބާރުގެ ބޭނުންކޮށްގެން ޓައިވާނުގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން މަސައްކަތް ކުރާކަމަށް އެތައް ފަހަރެއްގެ މަތިން ޓައިވާނުން ވަނީ ބުނެފައެވެ. ޓައިވާނަކީ މިނިވަން ގައުމެއް ކަމަށް އެގައުމުން ބުނެއެވެ. ޗައިނާގެ އަތްދަށަށް ނުދާނޭ ކަމަށްވެސް ޓައިވާންގެ ސަރުކާރުން ދަނީ ބުނަމުންނެވެ.