ޕަޕުއާ ނިއު ގިނީ އަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ފަސް މީހަކު މަރުވެއްޖެއެވެ.

އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ އެ ރެކްޓާ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބާރުގަދަ މިބިންހެލުން އައީ ޕަޕުއާގެ އިރުމަތީ ސަރަހައްދުގެ އަވަށެއް ކަމަށްވާ ކައިނަންތާގެ 67 ކިލޯ މީޓަރު ކައިރިން 61 ކިލޯޯ މީޓަރު ބިމު އަޑިން ކަމަށެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ފުރަތަމަ ދިން ނަމަވެސް މިހާރު އޭގެ ނުރައްކާ ހިނގައްޖެކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އައްސޭރި ފަށުގެ ސަރަަހައްދުތަކުގައި ރާޅު ބޮޑުވެދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި މިހާދިސާގައި ހަތަރު މީހަކަށް އަކިވަރުގެ އަނިޔާވެފައިވާއިރު، ތިން މީހަކު ވަނީ ދިރިތިއްބާ ވަޅުލެވިފައެވެ. ބިންގަނޑު އެކި ސަރަހައްދުތަކުން ކަނޑައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބިންހެލުމާ ގުޅިގެން ރެނދުލައިފައިވާ މަގުތަކާއި ގެއްލުން ލިބުނު އިމާރާތްތަކާއި އަދި ކާރުތަކުގެ ފޮޓޯތައް ޕަޕުއާގެ ރައްޔިތުން ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ އަޅައިގަތީ ޕަޕުއާގެ އިރުމަތީގައި އޮންނަ ގޮރޮކާ އަވަށުގެ ޔުނިވާސިޓީއެއްގެ ފާރުގައި ވަރަށް ބޮޑަށް ރެނދުލާފައިވަނިކޮށް ފެންނަ ވީޑިއޯއަކަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ބިންހެލުން އައި ފަހުން ވެސް އިތުރު ތިން ބިންހެލުމެއް އައިސްފައިވެއެވެ. އެއީ 5.0 މެގްނިޓިއުޑްގެ ބާރުމިނުގައި އާއި 4.5 އަދި 4.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.