ރަސްކަމުގެ މުސްތަގުބަލުގައި ޕްރިންސް އެންޑްރޫ ހިމެނުމުގެ އެއްވެސް ޕްލޭނެއް ރަސްގެފާނު ޗާލްސްގެ ނެތް ކަމަށް ޝާހީ އާއިލާގެ ކަންކަން ދިރާސާކުރައްވާ ތަޖުރިބާކާރުން ހާމަކޮށްފިއެވެ.

ޓްރޫ ރޯޔަލްޓީ ޓީވީގެ ކޯ ފައުންޑަރ ނިކް ބުލެން ބޭރުގެ ނޫހެއް ކަމަށްވާ ފޮކްސް ނިއުސް ޑިޖިޓަލް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ޕްރިންސް އެންޑްރޫ އަށް ޝާހީ އާއިލާގައި މަސައްކަތްކުރުމުގެ އަދި ތަމްސީލު ކުރުމުގެ ފުރުސަތު އެއްކޮށް ނިމުނީ ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި އޭނާ މާ ގިނައިން ނުފެންނާނެ. ރަސްކަމުގެ މުސްތަގުބަލަށްޓަކައި ރަސްގެފާނު ރޭއްވެވި ރޭއްވެވުމުގެ ބައެއް ކަމުގައި އަޅުގަނޑު އޭނާ ހުންނަވާނޭކަމަށް ގަބޫލެއް ނުކުރަން. ރަސްގެފާނު ބޭނުންފުޅުވަނީ ވަރަށް އާދައިގެ ރަސްކަމެއް ކަމަށް ރަސްގެފާނު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި. ރަސްގެފާނުގެ ސަމާލުކަން ހުރި ރަސްކަމުގެ ވާރުތަވެރިންނަށް.“ އޭނާ ވިދާޅުވިއެވެ.

ބުލެން އަކީ އިނގިރޭސި ޝާހީ އާއިލާއާ ބެހޭ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރާތާ 20 އަހަރުވެފައިވާ އަދި ރަސްގެފާނު ޗާލްސްއާ ގާތް ގުޅުމެއް އޮންނަތާ އެތައް އަހަރެއް ވެފައިވާ ތަޖުރިބާކާރެކެވެ.

ޑިއުކް އޮފް ޔޯކް، އެންޑްރޫ އަކީ އެމެރިކާގެ ކުރީގެ މަހުޖަން އަދި ކުޑަކުދިންނާއި ބަދަލުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ ޖެފްރީ އެޕްސްޓެއިންއާ ގާތް ގުޅުމެއް ބޭއްވި ކަމަށް ސާބިތުވެފައިވާތީ އިނގިރޭސި ޝާހީ އާއިލާގެ ސީނިއާ ވޯކިން ރޯޔަލްއެއް ނޫނެވެ. ބީބީސީއަށް ދިން އިންޓަރވިއުއަކަށްފަހު، އުމުރުފުޅުން 62 އަހަރުގެ އެންޑްރޫ ވަނީ ރޯޔަލް ޑިއުޓީތަކުން ފަހަތަށް ޖެހިވަޑައިގަންނަވާކަން އިއުލާން ކުރައްވާފައެވެ.