ކޮވިޑް-19 އަށް ގެއްލުން ލިބިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން 500،000 އެއާލައިން ޓިކެޓް ހިލޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދޭން ހޮންގކޮންގ އިން ނިންމައިފިއެވެ.

ދާދި ފަހަކާއި ޖެހެންދެން ހޮންކޮންގުގައި ދުނިޔޭގެ އެންމެ ހަރުކަށި ބައެއް ކަރަންޓީނު އުސޫލުތައް އޮތެވެ. ނަމަވެސް މިދިޔަ މަހު ވަނީ ހޮންގކޮންގއަށް އެތެރެވާއިރު ހޮޓެލްގައި ކަރަންޓީން ވުމަށް ނުވަތަ ނައްސި ކޮވިޑް ޓެސްޓެއް ދައްކަން ދެން ނުޖެހޭނެ ކަމަށް އިއުލާންކޮށްފައެވެ.

ސީއެންއެންއާ ވާހަކަ ދައްކަމުން އެއާޕޯޓް އޮތޯރިޓީ ހޮންގކޮންގް (އޭއޭއެޗްކޭ) ގެ ތަރުޖަމާނަކު ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮންގކޮންގ އަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ރައްޔިތުންނަށް 254.8 މިލިއަން ޑޮލަރުގެ ބައި މިލިއަން އެއާލައިން ޓިކެޓް ދިނުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ތަރުޖަމާނު ވިދާޅުވީ އެއާލައިންތަކާއެކު ކަމާބެހޭ އިންތިޒާމުތައް ހަމަޖެއްސުމުން އިތުރު ތަފްސީލުތައް ހޮންގކޮންގގެ ޓޫރިޒަމް ބޯޑުން އިއުލާން ކުރާނެ ކަމަށެވެ.

ހޮންގކޮންގގައި ހޮޓަލުގެ ކަރަންޓީނު އުވާލި ނަމަވެސް، ޒިޔާރަތްކުރާ ފަރާތްތަކުން އަދިވެސް އެތެރެވުމުގެ ކުރިން ޕްރީ ފްލައިޓް ކޯވިޑް ވެކްސިން ސެޓްފިކެޓާއި ނައްސި ޕީސީއާރު ޓެސްޓާއި ރެޕިޑް އެންޓިޖަން ޓެސްޓެއް ހުށަހަޅަން ޖެހޭނެ އެވެ.