ގާތްގަނޑަކަށް 50 އަހަރު ވަންދެން އައިކޮނިކް ލޭންޑްމާކެއްގެ ގޮތުގައި އޮތް ހޮންގްކޮންގްގެ ފްލޯޓިން ރެސްޓޯރެންޓެއް ދެކުނު ޗައިނާ ކަނޑަށް އަޑިއަށް ގޮސްފިއެވެ.

ބީބީސީން ބުނާ ގޮތުގައި ޖަމްބޯ ފްލޯޓިން ރެސްޓޯރެންޓް ބަންޑުން ޖަހާލީ، ޓޯ ކުރުމުގެ މަސައްކަތްތައް ފެށިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުންނެވެ

އެ ރެސްޓޯރެންޓްގެ ބެލެނެވެރިން ކުންފުނި އެބަރޑިން ރެސްޓޯރެންޓް އެންޓަޕްރައިސަސް އިން ބުނީ މި ހާދިސާއާ ގުޅިގެން ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުވާ ކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެ ބޯޓަށް ފެން ވަންނަން ފެށީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޕެރަސެލް އައިލެންޑްސް ފަހަނައަޅައި ދަނިކޮށެވެ.

ބީބީސީން ބުނާ ގޮތުގައި ފްލޯޓިން ރެސްޓޯރެންޓް ޓޯވ ކޮށްގެން ގެންދިއުމުގެ ކުރިން އިންސްޕެކްޓް ކުރުމަށް މެރިން އިންޖިނިއަރުން ހޯދިއެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކުން ހޯދަން ޖެހޭ ހުރިހާ ހުއްދައެއްވެސް ހޯދިއެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން އެ ރެސްޓޯރެންޓް ބަންދުކޮށްފައި އޮތުމުން ހިއްސާދާރުންނަށް އެ ރެސްޓޯރެންޓް ވެގެން ގޮސްފއި ވަނީ މާލީ ބުރައަކަށެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ތިން ބިލިއަނަށް ވުރެ ގިނަ މެހެމާނުން އެ ރެސްޓޯރެންޓުން ހިދުމަތް ހޯދާފައި ވެެއެވެ. އެ ރެސްޓޯރެންޓުން ޖޭމްސް ބޮންޑްގެ ފިލްމެއް ވެސް ހިމެނޭ ގޮތަށް ގިނަ ފިލްމުތަކެއްވެސް ކުޅެފައި ވެއެވެ.