އުތުރު ކޮރެޔާ އިން، އަދިވެސް ނިއުކްލިޔާ ބާރުވެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދަމުންދާކަމަށް، އދ. ގެ ރިޕޯޓަކުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ، އެޖަމިއްޔާއިން ނެރެފައިވާ ސިއްރު ރިޕޯޓެއްގައެވެ.

އދ. އިން، ނިމިގެން މިދާ ހަފްތާގެ ތެރޭގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އދ. ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި، އެމަޖިލީހުން، އެޤައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެ، އަދިވެސް ނިއުކްލިޔާ މަސައްކަތްތައް ހިންގަމުން އަންނަކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، އުތުރު ކޮރެޔާ އިންވަނީ، މި އަހަރުގެ ކުރީކޮޅު ދެކުނު ކޮރެޔާގެ ލީޑަރާ ބައްދަލުކުރައްވާ، ނިއުކްލިޔާ ބާރުވެރިކަން ނައްތާލާނެކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ، މި އަހަރުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރައްވާވެސް، އުތުރު ކޮރެޔާގެ ލީޑަރު، ކިމް ޖޮންގ އުން ބައްދަލު ކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން، ދުނިޔޭގެ ގިނަ ޤައުމުތަކުން އުފާ ފާޅުކޮށް، އިތުރު ކޮރެޔާ އަށް މަރުޙަބާ ދަންނަވާފައިވެސްވެއެވެ.

މިކަންތައްތަކާ މުޅިން ޚިލާފަށް، އެޤައުމުން ކަންތައް ކުރަމުންދާކަން ހާމަވެފައިވާއިރު، ސީރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގައި، ސީރިޔާގެ އަނިޔާވެރި ސަރުކާރާވެސް، އުތުރު ކޮރެޔާއިން އެހީވަމުންދާކަން ވަނީ ހާމަވެފައެވެ. އެގޮތުން، ބަޝާރުލް އަސަދުގެ ސަރުކާރަށް، އުތުރު ކޮރެޔާ އިން އަދިވެސް ހަތިޔާރު ވިއްކަމުންދާކަމަށް، ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުންވެސް، ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ޔަމަނުގައި ހަރަކާތްތެރިވަމުން އަންނަ ހޫތީ ހަނގުރާމަވެރިންނަށްވެސް، އުތުރު ކޮރެޔާ އިން ހަތިޔާރު ވިއްކާ، އެތަކެތި ފޯރުކޮށްދެމުންދާކަން، ރިޕޯޓަށް ވަނީ ފަޅާ އަރާފައެވެ.

ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އުތުރު ކޮރެޔާގެ ތެޔޮ ޓޭންކަރަކުން، އެހެން އުޅަނދަކަށް ތެޔޮ ބަރުކުރި މައްސަލަ ފާހަގަކޮށްފައިވެއެވެ. ރޭގަނޑުގެ ވަގުތުގައި، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި މިކަން ކޮށްފައިވާއިރު، ބަރުކުރި ބޯޓަކީ، ރާއްޖެއާ ގުޅުން އޮންނަ ބޯޓެއްކަމަށްވެސް އަޑު ފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މިހުންނަނީ ޔަހޫދީންގެ ރޭވުމެވެ. އުތުރުކޮރެއާ އާއިއެމެރިކާ ޞުލްޙަވެދާނެތީ ޔަހޫދީން ވަރަށް ކަންބޮޑުވިއެވެ. އަދި އުތުރުކޮރެއާއިން ސުލްޙަ ގަބޫލުނުކުރާނެކަމަށް ހީކޮށް އެމެރިކާއިން ޞުލްޙަ ހުށަހެޅުމުން ދުނިޔޭގެލަދަށް އެސުލްޙަ ގަބޫލުކުރާ ވައްތަރު ދައްކާލިއެވެ. ބޭނުމަކީ ދުނިޔޭގެ ނަޒަރުގައި އެމެރިކާއަކީ ޞުލްޙަޔަށް ލޯބިކުރާ ގައުމެއް ކަމަށް ގަބޫލުކުރުވުމަށްފަހު ފަހުން އުތުރުކޮރެއާގެ ބޮލުގައި ކޮންމެވެސް ގޮތަކުން ތުހުމަތެއް އަޅުވާފަ އަނެއްކާވެސް ޞުލްޙަ އުވާލުމެވެ. އދ އަކީ އެމެރިކާ ބޭނުން ކޮންމެގޮތަކަށް ދަމާލެވޭ ރަބަރުގަނޑަކަށްވާތީ އދ މެދުވެރިކޮށް އެމެރިކާ ބޭނުން ކަމެއް ކުރެވޭނެއެވެ. މިހާރު އެއައީ އެތަނެވެ. އދ އިން އެ ނެރުނު ރިޕޯޓަކީ އެއްވެސް އަސްލެއްނެތި ނެރުނު ފޭކް ރިޕޯޓެކެވެ. ދެންއިވޭނީ އެމެރިކާއިން ޞުލްޙަ އުވާލި އަޑެވެ. މީގެސަބަބުން އެއްދޮނުގައި ދެބުޅިޖެހުނީއެވެ. އެއީ ޞުލްޙަ އުވާލުމާ، ދެކުނުކޮރެއާ އާއި އުތުރުކޮރެއާއާއި ދެމެދު އުފެދުނު ގުޅުން ކަނޑުވާލުމެވެ.