ގިނަ ޢަދަދެއްގެ ބަޔަކާއި އެކު ދަތުރުކުރި ހެލިކަޕްޓަރެއް، އެހެން ހެލިކަޕްޓަރެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 18 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ސައިބީރިއާގައި މިއަދުގެ ވަގުތެއްގައެވެ. މި ހާދިސާގައި ދެ ހެލިކަޕްޓަރު ޖެހުމުގެ ސަބަބުން ވެއްޓިފައި ވަނީ ރަޝިޔާގެ ހެލިކަޕްޓަރެކެވެ. އަދި މަރުވި 18 މީހުންވެސް ތިބީ އެ ހެލިކަޕްޓަރުގެ ތެރޭގައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ހެލިކަޕްޓަރު ޖައްސަން އުޅުނު ވަގުތު އޭގެ ފިޔަގަނޑުން އެހެން ހެލިކަޕްޓަރެއްގައި ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި ހެލިކަޕްޓަރުގައި އެވަގުތު ތިބި 15 ފަސެންޖަރުންނާއި ތިން ކްރޫ މެމްބަރުން ވަނީ ހޮސްޕިޓަލަށް ނުގެންދެވެނީސް މަރުވެފައި ކަމަށް ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާގައި ވެއްޓުނު ހެލިކަޕްޓަރަކީ 2010 ވަނަ އަހަރު އުފައްދާފައިވާ ހެލިކަޕްޓަރެކެވެ. އެ ހެލިކަޕްޓަރު ވެއްޓިފައިވަނީ އޭގެ އިންޖީނަށް އެއްވެސް މައްސަލައެއް ކުރިމަތިވުމުން ނޫން ކަމަށާއި، އަދި ހާދިސާ ހިނގި ވަގުތު މޫސުންވެސް ގޯސް ނޫން ކަމަށް ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ރަޝިޔާގެ ޖެޓެއް މޮސްކޯގެ ޑޮމޮޑެޑޯވޯ އެއާޕޯޓުން ނައްޓާލިތާ މާގިނައިރެއް ނުވަނީ ވެސްޓިފައި ވެއެވެ. އެ ހާދިސާގައި އެވަގުތު ޖެޓުގައި ތިބި 71 މީހުން ވަނީ މަރުވެފައެވެ.