ސީރިޔާގެ އިރުމަތީ ޣޫޠާއަށް، އެޤައުމުގެ ރައީސްކަމުގައި ހުރި އަނިޔާވެރި ބަޝާރުލް އަސަދުގެ ފައުޖުތަކުން މިދިޔަ ހަފްތާގެ ތެރޭގައިވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެތެރެއިން ބައެއް ހަމަލާތައް، ގަސްދުގައި ޞިއްޙީ އެހީދޭ ވަސީލަތްތަކަށާއި އެހީދޭ ފަރާތްތަކަށް އަދި އެނޫންވެސް މަދަނީ ވަސީލަތްތަކަށްވެސް އަމާޒުކޮށްފައެވެ.

ޞިއްޙީ މަރުކަޒުތަކަށް ދިން ހަމަލާތަކާއި، ވަރުގަދަ ހަމަލާތަކުގެ ސަބަބުން ސިޓީއަށް އެއްވެސް އެއްޗެއް އެތެރެކުރެވޭނެ ގޮތެއް ނެތުމުން، ޣޫޠާގައި ހުރި އެކަށީގެންވާ ބޭހުގެ އަދަދުވެސް އެތައް ތަނެއް މަދުވެ، މުއްދަތު ހަމަވެފައިވާ ބޭސް ބޭނުންކުރަން ޖެހުނުކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.

ސީރިޔާގައި މަސައްކަތްކުރާ އެމެރިކާ ޑޮކްޓަރުންގެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، ފަރުވާ ދިނުމަށް ބޭނުންކުރާ ފެންވެސް ހުސްވެފައިވެއެވެ.

މީގެއިތުރުން، އިރުމަތީ ޣޫޠާގެ އެމްބިއުލާންސެއްގައި މަސައްކަތްކުރާ ޕެރަމެޑިކަކު ބުނެފައިވާ ގޮތުގައި އެފަރާތްތައް ބޭނުންކުރާ ބެންޑޭޖުތަކަކީވެސް ވަރަށް ދަށް ކޮލިޓީގެ އެއްޗެއްސެވެ. ހަމައެހެންނެ، އެމްބިއުލާންސްތަކުގައި އޭއީޑީ މެޝިންވެސް ނުހުންކަމަށާއި އެއްޗެއް ހަލާކުވެއްޖެނަމަ، ހެދޭނެ ގޮތެއްވެސް ނެތްކަމަށް އޭނާ ބުނެފައިވެއެވެ.

ޣޫޠާގެ ޙާލަތު ދަށަށް ގޮސްފައިވާއިރު، އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިންގެ ޙާލަތު ދަށްވެފައިވާކަމަށް، ޔުނިސެފުންވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއުމިން

    އިންޝާﷲ އެއްމެހާ މުސްލިމުން ނަށް ހެޔޮރަޙުމަތް ލައްވަވާނދޭވެ. ރައްކާތެރި ކޮށްދެއްވަވާ ޝިފާ ދެއްވަވާނދޭވެ.އާމީން