އިންޑިއާގެ މަހަރަޝްތްރާ ގައި ފައްޅިއަށް އަޅުކަން ކުރުމަށް ބަޔަކު ގޮވައިގެން ދިޔަ އަމިއްލަ ލަކްޒަރީ ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި، 10 މީހުން މަރުވެ، އިތުރު 24 މީހަކު ޒަހަމް ވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެކްސިޑެންޓު ހިނގީ އިއްޔެގެ ވަގުތެއްގައި ބަސް، ތާނޭ ގެ އަމްބަރުނާތް އިން، ފައްޅި ހުންނަ ޝިރްޑީ އަށް ދަތުރުކުރަމުން ދަނިކޮށް ހައިވޭ މަތީގައެވެ.

45 މީހުން ދަތުރުކުރަމުން ދިޔަ މި ބަސް އެކްސިޑެންޓްވީ، ކުރިމަތިން ބަސް ދުއްވަމުން ދިޔަ ދިމާލުގެ އިދިކޮޅަށް ދުއްވާފައި އައި ޓްރަކެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެއަށްފަހު ބަސް ވަނީ ފުރޮޅާލާފައެވެ.

ޗީފް މިނިސްޓަރު އެކްނާތް ޝިންދޭ ވަނީ މި ހާދިސާގެ ހިތާމަ ފާޅުކޮށް، މަރުވި މީހުންގެ އާއިލާއަށް ފަސް ލައްކަ ރުޕީސް ދެއްވާނެ ކަން އިއުލާނު ކުރައްވާފައެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ބޭސް ފަރުވާގެ ކަންތައްތައް ހިލޭ ހަމަޖައްސައިދޭނެ ކަމަށްވެސް ޝިންދޭ ވަނީ ވިދާޅުވެފައެވެ.

އަދި މި ހާދިސާގެ ތަހުގީގެއް ކުރިއަށް ގެންދިއުމަށްވެސް ޝިންދޭ ވަނީ އަމުރުކުރައްވާފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި، 2 ފިރިހެނުންނާއި، 2 ކުޑަކުދިން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ހާދިސާގައި ޒަހަމްވީ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ބައެއް މީހުން ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ބައެއް މީހުންނަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 7 މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި. އަނެއް ތިން މީހުންނަނީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު