ރާހުލް ގާންދީ އިސްކޮށް ހުންނަވައިގެން އިންޑިއާގައި ކުރިއަށް ގެންދަވާ ހިނގާލުމުގެ ތެރެއިން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސަންތޯކް ސިންގް ޗޯދުރީ އަށް ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގޭގައި ޖަލަންދަރު ތަމްސީލުކުރައްވާ ކޮންގްރެސް ޕާޓީގެ މެމްބަރު، ޗޯދުރީ އަށް ހާޓް އެޓޭކެއް ޖެހި ވެއްޓިފައިވަނީ ޕަންޖާބުގެ ފިއްލޯރުގައި ފައިމަގުގައި ކުރިއަށް ދިޔަ ހިނގާލުމުގެ ތެރޭގައެވެ. އެއާއެކު ޗޯދުރީ ވަނީ އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދެވިފައެވެ. ޗޯދުރީ ނިޔާވީ ހޮސްޕިޓަލަށް ގެންދެވުނު ފަހުންނެވެ. ނިޔާވި އިރު ޗޯދުރީގެ އުމުރުން 76 އަހަރެވެ.

ހިނގާލުމުގައި އިސްކޮށް ހުންނެވި ރާހުލް ގާންދީ ވަނީ ހިނގާލުން ދޫކޮށްލައްވާ ޗޯދުރީ ގެންދެވުނު ހޮސްޕިޓަލަށް ވަޑައިގެންފައެވެ. މިއަދުގެ ވަގުތެއްގައި ޖަލަންދަރުގައި ތިބި ޗޯދުރީގެ އާއިލާ އާއި ރާހުލް ބައްދަލުކުރައްވާނެ ކަމަށް ޕާޓީގެ އޮފިޝަލުން ބުނެއެވެ.

ރާހުލް ވަނީ ފަހުން މިއަދުގެ ހިނގާލުމުގެ ފޮޓޯ ކޮލާޖެއް ޓްވީޓް ކުރައްވާފައެވެ. ފޮޓޯތަކުގައި ޗޯދުރީ، ރާހުލް އާއި ޕާޓީގެ އެހެން މެމްބަރުންނާއި އެކު ހިންގަވާތަން ފެނެއެވެ.

ރާހުލްގެ މި ހިނގާލުން މިވަގުތަށް މެދު ކަނޑާލާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ޕަންޖާބު ގޮފީގެ ލީޑަރު ވަނީ މައުލޫމާތު ދީފައެވެ.

ކޮންގްރެސްގެ ރައީސް މަލިކަރްޖުން ކަރްގޭ ވިދާޅުވެފައިވަނީ ޗޯދުރީގެ މަރަކީ ޕާޓީއަށާއި ގައުމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެެވެ. އަދި އޭނާ ވަނީ ޗޯދުރީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ކޮންގްރެސްގެ ލީޑަރު ޖޭ ރާމް ރަމޭޝް، މަޖިލީހުގެ ތިރީގޭގެ ރައީސް އޯމް ބިރްލާ، ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަތް މަން ވެސް ވަނީ ޗޯދުރީގެ މަރާއި ގުޅިގެން ހިތާމަ ފާޅުކުރައްވާ ތައުޒިޔާ ވިދާޅުވެފައެވެ.

ޗޯދުރީ ވަނީ އިންޑިއާގެ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ އިންތިހާބު ދެ ފަހަރު ކާމިޔާބު ކުރައްވާފައެވެ. ފުރަތަމަ 2014 ވަނަ އަހަރުއެވެ. އަދި އެއަށްފަހު 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު