އިންޑިއާގައި ނުފެނިގެން ހޯދަމުންދިޔަ 26 އަހަރުގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ ރާޖަޝްރީ ސްވައިން، ކަޓަކް ޑިސްޓްރިކްޓުގެ ބޯ ޖަންގައްޔެއްގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

ރާޖަޝްރީ ގެއްލިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ރާޖަޝްރީގެ ހަށިގަނޑު ފެނުނު ޖަންގަލީގެ ބޭރުގައި އޭނާގެ ސްކޫޓަރު ބަހައްޓާފައި ހުއްޓާ ފުލުހުންނަށް ވަނީ ފެނިފައެވެ.

އެ ސަރަހައްދުގެ ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުންދާއިރު، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޕިނަކް މިޝްރާ ވިދާޅުވީ މި މަރު ވަރަށް ރަނގަޅަށް ތަހުގީގު ކުރައްވާނެ ކަމަށެވެ. އަދި ރާޖަޝްރީ މަރުވި ސަބަބު ސާފުވާނީ ޕޯސްޓްމޯޓަމްގެ ރިޕޯޓް ލިބުމުން ކަމަށްވެސް މިޝްރާ ވިދާޅުވިއެވެ.

އޮޑިޝާ އަށް ނިސްބަތްވާ ކުރިކެޓް ކުޅުންތެރިޔާ ކަޓަކް ޑިސްޓްރިކްޓަށް ގޮސްފައިވަނި، ކުރިއަށް އޮތް ގައުމީ ލެވެލް ގެ މުބާރާތަކަށް ތައްޔާރުވުމުގެ ގޮތުން، އޮޑިޝާގެ ކްރިކެޓް އެސޯސިއޭޝަން އިން އިންތިޒާމު ކުރި ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށެވެ.

ނަމަވެސް މުބާރާތަށް ހޮވި 16 މެމްބަރުންގެ ޓީމުން ރާޖަޝްރީއަށް ޖާގައެއް ލިބިފައެއް ނުވެއެވެ. ޓީމު މެމްބަރުންގެ ނަންތައް އިއުލާން ކުރުމަށްފަހު ރާޖަޝްރީ ރޯން އިންދާ ފެނިފައިވާ ކަމަށާއި، އޭގެ ފަހުން، ތަމްރީނަށް ގޮސް ތިބި ހޮޓަލުން އޭނާ ގެއްލިފައިވާ ކަމަށް ރާޖަޝްރީ އާއި އެކު ހޮޓަލުގެ ކޮޓަރި ހިއްސާ ކުރާ ކުޅުންތެރިޔާ ބުނެފައިވެއެވެ.

އެއަށްފަހު ރާޖަޝްރީގެ ފޯނަށްވެސް ނުގުޅުމުގެ ސަބަބުން ޓީމުގެ ކޯޗު ވަނީ ކަޓަކް ފުލުހުންނަށް، އޭނާ ގެއްލިގެންއުޅޭ ކަމުގެ ރިޕޯޓްކޮށްފައެވެ.

ރާޖަޝްރީގެ އާއިލާއިން ބުނަނީ އޭނާ އަމިއްލައަށް މަރުވީ ނޫންކަމަށާއި އޭނާ ވަނީ މަރާލާފައި ކަމަށެވެ. އާއިލާއިން ބުނާގޮތުގައި ރާޖަޝްރީގެ ހަށިގަނޑުގައި، އަދި ދެ ލޮލުގައިވެސް ޒަހަމްގެ ނިޝާންތައް ހުއްޓެވެ.

އަދި ޓީމަށް ހޮވުނު އެހެން ކުޅުންތެރިންނަށް ވުރެ މާ ރަނގަޅު ކުޅުމެއް ރާޖަޝްރީ ދައްކާފައިވީ ނަމަވެސް، އޭނާއަށް ޓީމުން ޖާގަ ދީފައިނުވާކަމަށްވެސް އާއިލާއިން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އެސޯސިއޭޝަންގެ ވެރިޔާ ވިދާޅުވީ ޓީމަށް ކުޅުންތެރިން ހޮވާފައިވާނީ އިންސާފުވެރިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު