ކާރު، ދޮންނަ މެޝިން ފަދަ އަގުބޮޑެތި އެއްޗެއްސަށް އިންސްޓޯލްމެންޓަށް ފައިސާ ދެއްކުމަކީ މިސްރުގެ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. ނަމަވެސް އެ ގައުމުގެ އިންފްލޭޝަން އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، އެމީހުންނަށް މިހާރު މިގޮތަށް ފޮތް ވެސް ގަނެވޭނެއެވެ.

"މިސްރުގައި މިހާރު ފޮތަކީވެސް ލަކްޒަރީ މުދަލެއް. އެއީ ކާނާ ފަދައިން ޒަރޫރީ ބޭނުމެއް ނޫން، އެހެންވީމަ ލަކްޒަރީ އެއްޗެހި ގަތުމާއި މިހާރު މީހުން ދުރުވަމުން ދަނީ." މިސްރުގެ ފޮތް ޕަބްލިޝްކުރާ ތަނެއްގެ ވެރިޔާ، މުހައްމަދު އަލް ބާލީ ބުންޏެވެ.

އޭނާ މިހެން ބުނީ ގާހިރާގެ ބައިނަލްއަގުވާމީ ބުކް ފެއާގައެވެ. އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ފެއާ އަށް މިދިޔަ އަހަރު ދެ މިލިއަނެއްހާ މީހުން ޒިޔާރަތް ކުރިއެވެ.

ފޮތްތަކުގެ އަގުވެސް ދެގުނައަށް ވުރެ ބޮޑުވަމުން ދިއުމުގެ ސަބަބުން، ބައެއް ލިޔުންތެރިން ބުނަނީ، ލިޔުމުގައިވެސް އިޤުތިޞާދު ކުރުމަށްޓަކައި، ބައެއް ސިފަކުރުންތައްވެސް ކުރުކޮށްލާ ކަމަށެވެ.

މުހައްމަދު ބުނީ ކަރުދާހާއި ދެލީގެ އަގުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައި ކަމަށެވެ. ކަރުދާސް ޓަނެއްގެ އަގު އަހަރު ފެށުނު އިރާއި އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މުހައްމަދު ބުނީ އޭނާވެސް މިހާރު ފޮތް ޗާޕު ކުރަނީ ބޭރު ގައުމުތަކުން ކަމަށާއި، އަދި ޑިމާންޑު ކުޑަވަމުން ދިއުމުގެ ސަބަބުން ޗާޕުކުރަނީ މަދު ކޮޕީތަކެއް ކަމަށެވެ.

އިންސްޓޯލްމެންޓަށް ފޮތް ދޫކުރަން ނިންމާފައިމިވަނީ، އަރަބި ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ދުވަސްވީ ބުކް ފެއާ އަށް މިއަހަރު ޒިޔާރަތް ކުރާނެ މީހުން މަދުވާނެ ކަމަށް ލަފާކުރެވޭތީއެވެ. މިސްރުގެ ޕަބްލިޝަރސް އެސޯސިއޭޝަނުން ބުނެފައިވަނީ ކަސްޓަމަރުންނަށް %1.5 ގެ އިންޓްރެސްޓަކާއެކު، ފޮތަށް އަގު ދައްކަން 9 މަސް ލިބޭނެ ކަމަށެވެ.

ބޮޑެތިވަމުން އަންނަ ކުދިންނަށް ހާއްސަކޮށް ފިކްޝަން ވާހަކަތައް ލިޔާ ލިޔުންތެރިއަކު ބުނެފައިވަނީ، ޕްރޮޑަކްޝަން ހަރަދު ކުޑަކުރުމަށްޓަކައި އޭނާގެ ފޮތްތަކުގައި ފިރުއައުނުތަކުގެ ސިފައަށްވެސް ބަދަލު ގެނެސްފައިވާނެ ކަމަށެވެ. އަދި ޕްރިންޓް ކުރުމުގެ ހަރަދުތައް މާ ބޮޑުވެފައިވާތީ އޭނާގެ ފޮތްތަކުގެ ސައިޒް ކުޑަކޮށް، 100 ޞަފްހާއިން 60 ޞަފްހާއަށް ތުނި ކޮށްފައިވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިގުތިޞާދީ ތަދުމަޑެއްގެ ތެރޭގައި ކުރިންވެސް އޮތް މިސްރުގެ އިންފްލޭޝަން މި މިފަހުން އިތުރުވަމުންދާތީ، މިސްރު މީހުންނަށް ވަނީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހިފައެވެ.

ވަރަށް ބޮޑަށް ބޭރުގެ އިމްޕޯޓަށް ބަރޯސާ ވެފައި އޮންނަ މިސްރަށް ވަނީ ފައިސާގެ ކާރިސާއެއް ދިމާވެފައެވެ. އެގައުމުގެ ފައިސާގެ އަގު ދަށްވަމުންގޮސް، މިހާރު އޮތީ މީގެ އަހަރެއް ކުރިން އޮތް އަގުގެ ދެބައި ކުޅަ އެއްބަޔަށް ވެއްޓިފައެވެ.

ސަރުކާރުން ބުނަމުންދަނީ މިއީ ރަޝިއާ-ޔުކްރޭނު ހަނގުރާމައާއި ގުޅިގެން ދިމާވެފައިވާ އެކިކަންކަމުގެ ނަތީޖާކަމަށެވެ. އަދި އިންފްލޭޝަން ކޮންޓްރޯލް ކޮށް، އެއްޗެހީގެ އަގު ދަށްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިސްރުގެ ސަރުކާރުން ބުނެއެވެ.