ބުރުކީނާ ފާސޯއިން ސިފައިން ބާލަަން ފަރަންސޭސި ވިލާތުން އެއްބަސް ވެއްޖެ އެވެ.

ފްރާންސުގެ އިސްތިއުމާރުގެ ދަށުން ބުުރުކީނާ ފާސޯ މިނިވަންވީ 1960 ވަނަ އަހަރު އެވެ، އެހެން ނަމަވެސް އަދިވެސް ފްރާންސްގެ ސިފައިން އެ ގައުމުގަިއ ތިބެ އެވެ، އެއީ ޓެރަރިޒަމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ފްރާންސްއާ އެކު ހަދާފައިވާ ޙާއްސަ އެއްބަސްވުމެއްގެ ދަށުން ނެވެ.

އެކަމަކު އެ އެއްބަސްވުން 2018 ވަނަ އަހަރު ބުރުކީނާ ފާސޯއިން ވަނީ އުވާލައިފަ އެވެ. ފަހަކަށް އައިސް ބުރުކީނާ ފާސޯއާ ފްރާންސްގެ ގުޅުން އިތުރަށް ގޯސްވެފައިވާ އިރު ފްރާންސުން އިއްޔެ ވަނީ އެ ގައުމުގެ ސިފައިން ބުރުކީނާއިން ބާލަން ނިންމިކަން ހާމަކޮށްފަ އެވެ.

މިހާރު އެއްބަސްވެފައި ވަނީ އަންނަ މަހު ސިފައިން ބާލާ ނިންމާށެވެ. އަދި އޭޕްރީލް މަހު ސާމާނުތައް ގެންދާށެވެ.

ބުރުކީނާގައި ފްރާންސްގެ 400 އެއްހާ ސިފައިން ތިބި ކަމަށް ވެެއެވެ. އެހެން ނަމަވެސް ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކަންކަން ދާގޮތުން ހިތްހަމަ ނުޖެހިގެން އަސްކަރީ ބަޣާވާތެއް ގެނެސް ރައީސް ރޮހު މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކުރީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ވެރިކަމުގައި ހުންނެވީ ބަޣާވާތުގެ ލީޑަރު ޕޯލް ހެންރި ދަމީބާ އެވެ.

އެހެން ނަމަވެސް އެހެން ބަޣާވާތެއް ގެނެސް ދަމީބާގެ ވެރިކަން ވެސް މިދިޔަ ސެޕްޓެމްބަރު މަހު ވައްޓާލި އެވެ. ދަމީބާ ފަހުން ފްރާންސް އެމްބަސީން ހިމާޔަތް ހޯއްދެވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެސް ވިއެވެ.

ފްރާންސްގެ މަދަދާ އެކު ދަމީބާ އަލުން ވެރިކަމަށް އަންނަން އުޅުނު ކަމަށް ބުނެ ރައްޔިތުން ނުކުމެ ފްރާންސްގެ އެމްބަސީގައި ރޯވެސް ކޮށްލި އެވެ.