ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރަނިކޮށް، ބެލަރޫސްގެ ސަރަހައްދީ އިން ކައިރިން ޔަމަނުގެ ހަތަރު މީހަކު، ފިނިގަދަވެގެން މަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މަރުވި މީހުންގެ ތެރެއިން ދެމީހުންގެ ނަން ރަޝިއާގައި ހުންނަ ޔަމަނުގެ އެމްބަސީ އިން އިއުލާނު ކުރި އިރު، އަނެއް ދެމީހުންގެ ނަން ހާމަ ކޮށްފައިވަނީ ޖަރުމަނުގެ ބާލިންގައި ހުންނަ ޔަމަނުގެ އެމްބަސީންނެވެ.

ޔަމަނުގެ ހިޖުރަވެރިންތަކެއް މަރުވެފައި މިވަނީ، ހިޖުރަވެރިންނަށް މި ފަހުން މިފަދަ ކާރިސާތައް ދިމާވުން ގިނަވެފައި ވަނިކޮށެވެ. ޔޫރަޕަށް ހިޖުރަ ކުރަން މަސައްކަތް ކުރަނިކޮށް ޔަމަނުގެ އެތައް ބަޔަކު މަރުވާ ކަމުގެ ވަރަށް ގިނަ ރިޕޯޓްތައް ވަނީ ލިބިފައެވެ. ބައެއް މީހުން ކަނޑުމަގުން ދަތުރުކުރަނިކޮށް ފެތިގެން މަރުވެފައިވާ އިރު، އަނެއް ބައި މީހުން މަރުވެފައިވަނީ ފިނިގަދަ ވުމުގެ ސަބަބުންނެވެ. އަދި މީގެ އިތުރުންވެސް އެކި ސަބަބުތަކާއި ހުރެ އެތައް ބަޔަކު މި ދަތުރުމަތީގައި މަރުވެއެވެ.

މި މަރުތަކުން ހާމަ ވެގެން ދަނީ ޔަމަނުގެ ހާލަތެވެ. ސައުދީ އަރަބިއްޔާ ވެސް ބައިވެރިވާ، ޔަމަނުގައި 8 ވަރަކަށް އަހަރުއްސުރެ ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން، ޔަމަނުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެހެން ކަމުން ގިނަ މީހުންނަށް ގަވާއިދާ ހިލާފަށް ގައުމު ދޫކޮށް އެހެން ގައުމުތަކަށް ދާން މަސައްކަތް ކުރުމަށް ވަނީ މަޖުބޫރު ވެފައެވެ.

ރަޝިއާ ގައި ހުންނަ ޔަމަނުގެ އެމްބަސީން ބުނެފައިވަނީ ދެ މީހުން މަރުވެފައިވަނީ ބެލަރޫސް އާއި ޕޮލެެންޑު ވަކިކުރާ ސަރައްދީ އިން ކައިރިން ކަމަށެވެ. އެމްބަސީން ބުނެފައިވަނީ އެ ސަރަހައްދީ އިން ކައިރީގައި ހާލުގައި ޖެހިފައި ތިބި މީހުންގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި، އެމީހުން ރައްކާތެރިކަމާއެކު ޔަމަނަށް އެނބުރި ގެންދިއުމަށް ބެލަރޫސްގެ ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

ހޫތީ ހަނގުރާމަވެރިންނާއި ޔަމަނުގެ ސަރުކާރާއި ދެމެދު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ޔަމަނު އޮތީ ވަރުގަދަ އިންސާނީ އަދި އިގުތިޞާދީ ކާރިސާއެއްގެ ތެރޭގައެވެ. އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ. މިދިޔަ ބުދަ ދުވަހު ޔަމަނުގައި ހުންނަ އދ. އިންސާނީ އެހީދޭ ގޮފިން ބުނެފައިވަނީ، ޔަމަނުގައި ތިބި އިންސާނީ އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ 17 މިލިއަނަށްވުރެ ގިނަ މީހުންނަށް އެހީވުމަށް، އެ ޖަމިއްޔާއަށް މިއަހަރު 4.3 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ.