ޕާކިިސްތާންގެ ޕެޝާވަރުގައި ހުންނަ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާގެ ފަހަތުގައި ފުލުހުންގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައި އެހަމަލާގައި މަރުވި މީހުންގެ އާއިލާ މެންބަރުން ބުނެފިއެވެ.

އަންގާރަ ދުވަހު މެންދުރު ނަމާދަށް ތިއްބާ ޕެޝާވަރުގެ މިސްކިތެއްގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށްވުރެ އިތުރުވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންނެވެ.

ނަމަވެސް މަރުވި މީހުންގެ އާއިލާތަކުގެ މެންބަރުން ބުނާ ގޮތުގައި މިސްކިތް ހުރި ސަރަހައްދަކީ ވަށައިގެން ފުލުހުން ވަރަށް ވަރުގަދައަށް ފޯރިމަރަމުންދާ ސަރަހައްދެއް ކަމަށެވެ. އެސަރަހައްދުގައި ފުލުހުންގެ އޮފީސްތަކާއި ސަރުކާރުގެ އެތައް އޮފީހެއް ހުރެއެވެ. އެހެންވެ އެސަރަހައްދުގެ ތެރެއަށް ވަނުމުގެ ކުރިން ފުލުހުންގެ އެތައް ޗެކްޕޮއިންޓެއް ހުރަސް ކުރަން ޖެހެއެވެ.

އާއިލާތަކުގެ މެންބަރުން ބުނާ ގޮތުގައި ފުލުހުންގެ ހުރިހާ ޗެކްޕޮއިންޓްތައް ހުރަސްކޮށް ޖާނުންފިދާވި ހަނގުރާމަވެރިޔާ އަށް މިސްކިތާއި ހަމައަށް ދެވޭނީ ޗެކްޕޮއިންޓްތަކުގައި ތިބި ފުލުހުން ގަސްދުގައި ހަނގުރާމަވެރިޔާ ދޫކޮށްލުމުން ކަމަށެވެ. "އެއްވެސް ޝައްކެއްނެތް ފުލުހުން އެތައް ފަހަރަކު ފާސްކުރުމަށްފަހު ހުރަސް ކުރެވޭ މަގަކުން އޭނާ އަށް މިސްކިތާއި ހަމައަށް އާދެވޭނީ އޭނާ ފާސްކުރި ފުލުހުން ގަސްދުގައި އޭނާ ދޫކޮށްލުމުން." މީޑިއާއަށް މައުލޫމާތު ދިން އާއިލާ މެންބަރަކު ބުންޏެވެ.

މިސްކިތައް ދިން ހަމަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ތަހްގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޕެޝާވަރުގައި ހުންނަ ފުލުހުންގެ އިސްވެރިޔާ އިޖާޒް ހާން ވިދަޅުވީ ހަމަލާ ދިނުމަށް ހަނގުރާމަވެރިޔާ މިސްކިތާއި ހަމައަށް ދިޔަ ގޮތެއް ދެނެގަތުމަށް ތަހްގީގު މިހާރު ވެސް ކުރިއަށް އެބަގެންދާ ކަމަށެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މިހާރު ޕެޝާވަރުން ވަނީ ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އަދި ވެސް ތަހްގީގު ކުރިއަށްދާ ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ އިތުރު މީހުން ވެސް ހައްޔަރު ކުރަމުން ގެންދާނެ ކަމަށެވެ.

ޕެޝާވަރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ ޕާކިސްތާންގެ ޠާލިބާން ޖަމާއަތާއި ތެރީކް-އީ-ޠާލިބާން ޕާކިސްތާން ޖަމާއަތުން ވަނީ މިއީ އެޖަމާއަތްތަކުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ. އަދި މިހާތަނަށް މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އަންގާރަ ދުވަހު ޕެޝާވަރުގައި ދިން ހަމަލާއަކީ 2013 ވަނަ އަހަރަށް ފަހު ޕާކިސްތާންގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރި

    ތީ އިންޑިޔާއިން ރޭވި މުށުދާރު އަމަލެއް!

    6
    2