ތިން ވަނަ ބޮޑު ހަނގުރާމައެއް ދުނިޔެގައި ނުހިނގާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ދެކުނު މީހުންގެ ވިސްނުން މިއަދު ވަނީ ބަދަލު ކުރަން މަޖުބޫރު ވެފައެވެ. ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓުވަން ދުނިޔެ ނުކުޅެދި، އެހަނގުރާމަ އެހެން ގައުމުތަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ދުވަހަކަށްވުރެ ދުވަހަކު ބޮޑުވަމުން ދާއިރު ބޮޑުހަނގުރާމައެއް ފެށުން އެއީ މިއަދު ދުރުގައި އޮތްކަމެކޭ ބުނެވޭކަށް ނެތެވެ.

ބޮޑުހަނގުރާމައެއް ފެށިދާނެތޯ ކުރެވޭ ބަހުސް ކުރިއަށް ދަނިކޮށް އެމެރިކާގެ ކެލިފޯނިއާގެ ސަންޑިއާގޯގައި އެމެރިކާ ސިފައިން ތަފާތު ތަމްރީނެއް ފެށުމުން މިވަނީ އެމެރިކާ އިން ބޮޑު ހަނގުރާމައަކަށް ތައްޔާރުވަނީތޯ ބައެއް މީހުން ސުވާލު އުފައްދަން ފަށާފައެވެ.

ސަންޑިއާގޯ އަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހުންނަ ސަރަހައްދަކަށް ވާތީ އެސަރަހައްދުގައި އަސްކަރީ ތަމްރީނެއް ކުރިއަށްދިއުން އެއީ އާކަމެއް ނޫނެވެ. ނަމަވެސް އެސަރަހައްދުގެ އާމުން ބުނާ ގޮތުގައި މިހާރު އެމެރިކާ ސިފައިން އެސަރަހައްދުގައި ކުރިއަށް ގެންދާ ތަމްރީންތައް މުޅިން ތަފާތެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ވެސް ބުނެފައި ވަނީ މިތަމްރީންތައް ކުރިއަށް ގެންދަނީ ހަގީގަތުގައި ވެސް ކަމެއް ދިމާވެއްޖެނަމަ ސިފައިން ހަރަކާތްތެރިވާނެ ގޮތް ދަސްކުރުމަށް "ހަގީގީ ދުނިޔެއްގައި" ކަމަށެވެ. ތަމްރީންތަކުގައި ވަރަށް ތިރިން ހެލިކޮޕްޓަރުތައް ދުއްވާ، ބާރުގަދަ އަޑުތައް އިވެމުން ދަނީ ސިފައިންގެ ތަމްރީންތައް މިފަހަރު ތަފާތުވުމުން ކަމަށް ޕެންޓަގަން އިން ވެސް ބުނެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މިތަމްރީންތަކަކީ ހަނގުރާމައިގެ އަސްލު ހާލަތެއްގައި ސިފައިން ހަރަކާތްތެރިވާނެ ގޮތް އިތުރަށް ފަރިތަކުރުމަށް ކުރިއަށް ގެންދާ ތަމްރީނެއް ކަމަށް ބުނި ނަމަވެސް ޕެންޓަގަން އިން ބުނާ ގޮތުގައި މިއީ ހަނގުރާމައަކަށް ސިފައިން ފޮނުވުމާއި ގުޅިފައި އޮތް ތަމްރީނެއް ނޫނެވެ.

"ތަފާތު ތަންތަކުގައި ތަމްރީންތައް ހެދުމުން ސިފައިންނަށް ވެސް ކުރެވޭ ތަޖުރިބާތައް ތަފާތުވޭ. އެހެންވެ މިފަހަރު ތަފާތުތަނެއްގައި ތަމްރީން ކުރިއަށް މިގެންދަނީ. މިއީ ވަކި ހާއްސަ ހަނގުރާމައަކަށް ތައްޔާރުވުމަށް ކުރާކަމެއް ނޫން." ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުންގެ ހިޔާލު މިކަމުގައި ތަފާތެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާ ސިފައިން ކުއްލި ގޮތަކަށް މިފަދަ ތަމްރީނެއް ފެށުމުން ދޭހަކޮށްދެނީ ކުއްލިއަކަށް ހަނގުރާމައެއްގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށް އެމެރިކާ ސިފައިން ވެސް ގަބޫލުކުރާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އއ

    ވަރައް ކާރީގަ މިހުރިހާ ނުރައްކަލެއް އޮތް އިރު ދިވެހިން ކަންނެތްކަމާ ޢާފިލުކަމުގަ. !

    16
  2. މުރާސިލުން

    އެމެރިކާގެ ތިހާވަރުގަދަ ތައްޔާރީތައް ދަނީ ކީއްވެ
    ކަން މާހިރުންނަށް އެނގޭ އެއީ އީރާނުގެ އެތެރެއަށް ޑްރޯން ހަމަލާތަކެއްދިނުމުން އެކަމުގެ ބަދަލުހިފަން އީރާނުން އެމަރިކާއާއި އިސްރާއީލައް
    ހަމަލާއެއްދީފާނެކަމަށް ބިރުން

    13
    2
  3. ގާހިރާ

    ސާބިތުވެވޭވަރުގެ ގަރީނާލިބިއްޖިއްޔާމު އީރާނުގެ ފަސްގަނޑައް ހަމަލާދިން ކަމުގެ ރައްދުގައި އެމަރިކާގެ ބޭސްތައްވިޔަސް އިސްރާއީލުގެ މޮސާދް ގެ ސެންޓަރުތަކަށް ބޮޑު ހަމަލާއެއްދޭނެކަމަށާއި އެއަށްފަހު ގައުމު ބޮޑު ހަނގުރާމަޔަކަށް ތައްޔާރުވެފައިވާކަން އީރާނުން ހާމަކުރުމުން އިސްރާއީލާއި އެމަރިކާ ރެޑްއެލާޓުގައިތިބީ އެހެންވެ އެމަރިކާ ބިރުންތިއުޅެނީ

    11
  4. އަވަށުމީހުން

    ތީކަމެއްވާ ބައެއްނޫން.. ޤައުމްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހުލިވީމަ ޙަމަލާދޭންކެރެނީ..