ތުރުކީވިލާތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ތުރުކީވިލާތުގެ ރައީސް ޠައްޔިބު އުރުދޮޣާން ވަނީ އެގައުމަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ތިން މަސް ދުވަހަށް ދިހަ ސިޓީއެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ އިއުލާން ކުރައްވާފައެވެ.

އުރުދޮޣާން ދެންމެ ވިދާޅުވީ ބިންހެލުމުގައި ތުރުކީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު 3549 އަށް އަރާފައިވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކުގައެވެ.

ސީރިއާގައި މިހާތަނަށް 1،600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އުރުދުޣާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އެ ގައުމުގެ ދެކުނު އިރުމަތީ ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް "އަވަހަށް" ކުރިއަށް ގެންދެވޭނެ ގޮތް ހެދުމަށް ކަމަށެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ރިލީފް ވޯކަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނާނީ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކުރިންނެވެ.

ތުރުކީގައި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 2016 ވަނަ އަހަރު ބަޣާވާތް ކުރަން ކުރި ނާކާމިޔާބުވުމާ ގުޅިގެންނެވެ. އޭގެ ދެ އަހަރު ފަހުން އުވާލި އެވެ.