ހޯމަ ދުވަހު ތުރުކީވިލާތުގެ ދެކުނުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކާއި، އޭނާގެ އާއިލާ އަވަހާރަވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޔާގޫބު ތާސް ގެ ހަށިގަނޑު ފެނިފައި ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން، އަދިޔަމަން ޕްރޮވިންސްގައި ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިންނެވެ. ޔާގޫބު ގެ ހަށިގަނޑާއެކު، އޭނާގެ އަންހެނުންނާއި، ކޮއްކޮ އާއި، ފަހަރި އާއި، އޭނާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކާއި، އަދި އޭނާ ކާފަ ދަރިއެއްގެ އަވަހާރަވެފައިވާ ހަށިގަނޑު ވަނީ ފެނިފައެވެ.

ޔާގޫބު، އޭނާ ނިސްބަތްވާ ދާއިރާގެ ސަރަހައްދަށް ވަޑައިގެންފައި ވަނީ ބިންހެލުން އައި ދުވަހުގެ ކުރީ ދުވަހު އޮތް ޖަނާޒާ އެއްގައި ބައިވެެރިވެ ލެއްވުމަށެވެ.

1959 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު، އަދިޔަމަން އަށް އުފަންވެ ވަޑައިގެން ޔާގޫބު ވަނީ، ތުރުކީ ވިލާތުގައި މިހާރު ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް (އޭކޭ) ޕާޓީ ގެ ނައިބުކަން 27 ދައުރު ކުރައްވާފައެވެ. ޔާގޫބު އަދިޔަމަން ޕްރޮވިންސްގެ މެމްބަރު ކަމަށް ހޮވި ވަޑައިގަތީ 2018 ވަނަ އަހަރުއެވެ.

ކައިވެނި ބައްލަވައިގެން އުޅުއްވި ޔާގޫބުގެ ހަ ދަރިން ތިބެއެވެ.

ތުރުކީ އަށް ފުރަތަމަ ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހު ތުރުކީވިލާތުގެ ގަޑިން ފަތިހު 04:17 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން އެދުވަހު ހެނދުނު 06:17 އެވެ. އެ ބިންހެލުން އައީ 7.8 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. އަދި އޭގެ 11 މިނެޓްފަހުން ތުރުކީވިލާތުގެ މެދުތެރޭގެ ސަރަހައްދުތަކަށް ވަނީ 6.7 މެގްނެޓިއުޑްގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައިސްފައެވެ. ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި އެއީ ފުރަތަމަ އައި ބިންހެލުމުގެ ސަބަބުން އައި އާފްޓަރ ޝޮކެކެވެ.

އަދި އޭގެ ފަހުންވެސް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ އިރު، ފުރަތަމަ ބިންހެލުމަށްފަހު، ރެކްޓަރ މިންގަނޑުން 4 އަށްވުރެ ބާރުގަދަ 100 އެތައް ލޮޅުމެއް ވަނީ އައިސްފައެވެ.

ބިންހެލުން އައިތާ ދެ ދުވަސް ވީއިރުވެސް، ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ތެރެއިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިހާތަނަށް ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 5894 އަށް އަރާފައެވެ. ސީރިއާގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުން މަރުވި މީހުންގެ އަދަދު 1932 އަށް އަރައެވެ.