ބާރުގަދަ ބިންހެލުންތަކުގެ ސިލްސިލާއަކަށް ފަހު، އިރުދެކުނު ތުރުކީގައި މީހުން ސަލާމަތް ކުރުމަށް، މަސައްކަތްތެރިން ދަނީ ވަރުބަލިކަމެއް ނެތި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

ހޯމަ ދުވަހު 7.8 މެގްނިޓިއުޑް ބާރުމިނުގައި އައި ފުރަތަމަ ބިންހެލުމުގެ މަދު ގަޑިއިރުތަކެއް ފަހުން، 7.6 ގެ ބާރުމިނުގައި ބިންހެލުމެއް އައި އިރު، އެތައް ސިޓީއެއްގައި ބޮޑެތި އެޕާޓްމެންޓް އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ތުރުކީން މަރުވެފައިވާ މީހުންގެ އަދަދު 7،100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ސީރިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 2،530 އަށް އަރައިފައެވެ.

މި ކާރިސާއަށްފަހު، އިމާރާތްތަކުގެ ބައިތަކުގެ އަޑީގައި ތާށިވެފައިވާ އެތައް ބަޔަކު ވަނީ، އެހީއަށް އެދުމަށާއި، އެމީހުން ތިބި ތަން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުންނަށް އަންގައި ދިނުމަށް މީސްމީޑިއާގެ ބޭނުން ހިފައިފައެވެ.

އޭގެ ތެރެއިން އެކަކީ ޗާމްކުއެލް ގެ ނަމުގައި ޔޫޓިއުބުގައި ވީޑިއޯ އާންމު ކުރާ ފިރާތު ޔޭލާއެވެ. އިއްޔެ ގެ ވަގުތެއްގައި ފިރާތު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ އެއްގައި ބުނެފައި ވަނީ، ފުރަތަމަ ބިންހެލުމަށްފަހު، އޭނާ އޮތީ ހަތާއީ ޕްރޮވިންސްގެ އަންތަކްޔާ ޑިސްޓްރިކްގެ އިމާރާތެއްގެ ދަށުގައި ތާށިވެފައި ކަމަށެވެ. އޭނާ ވަނީ، އޭނާ ސަލާމަތް ކޮށްދިނުމަށް އެދި ފޮލޯވަރުންގެ ކިބައިން އާދޭސް ކޮށްފައެވެ.

"ރަހުމަތްތެރިނޭ، އަހަރެމެން މި ތިބީ ބިންހެލުމުގެ އަޑީގައި ތާށިވެފައި،" އަނދިރި ގަނޑުގެ ތެރޭގައި ކޮށްފައިވާ ވީޑިއޯގައި އޭނާ ބުނެއެވެ. "މަންމާ! ހާލު ރަނގަޅުތަ؟ މަންމާ! ބުނޭ މަންމަ ކޮންމެވެސް ތަނެއްގައި ފިލީމޭ. އާދޭސްކުރަން، އެހީވެދީ!"

ފިރާތު ވީޑިއޯ ނިންމާލަމުން ވަނީ އޭނާގެ އެޑްރެސް ކިޔައިދީފައެވެ.

ފަހުން ފިރާތު ވަނީ އޭނާ ސަލާމަތް ކޮށްފައިވާ ކަމަށް ބުނެ އިންސްޓަގްރާމް އަދާހަމަކޮށްފައެވެ. ނަމަވެސް ފިރާތު ބުނެފައިވަނީ އޭނާގެ މަންމަ އަދިވެސް ވީ ކޮންކްރީޓްތަކުގެ ތެރޭގައި ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

"ހެއްދެވި ފަރާތް ދެކެ ލޯބިވާ ނަމަ، އާދޭސްކުރަން އާދޭ، އަދި އަހަރެމެން ސަލާމަތް ކޮށްދީ،" އެހެން ވީޑިއޯއެއްގައި، ހަތާއީގެ އިސްކެންދެރުން ޑިސްޓްރިކްޓްގައި ބިމާއި ހަމަވެފައިވާ އިމާރާތެއްގެ އަޑީގައި ތާށިވެފައި އޮތް ޒުވާން ފިރިހެނަކު، އޭނާގެ އެޑްރެސް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

މި ވީޑިއޯ ވަނީ ޓްވިޓާގައި ވަރަށް ގިނަ ފަހަރު ޝެއާ ކޮށްފައެވެ.

ހަތާއީ އަކީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ތުރުކީގެ އެއް ޕްރޮވިންސެވެ. އެ ޕްރޮވިންސްގެ އެއާޕޯޓަށްވެސް ގެއްލުންވެ، ބަންދު ކޮށްފައިވާ އިރު، ބިމާއި ހަމަވެފައިވާ ސިޓީއަށް އެހީ ފޯރުކޮށްދިނުމަށާއި، ރެސްކިއު ޓީމުތަކަށް ސިޓީ އަށް ދިއުމަށްވެސް ވަނީ އިތުރަށް ދަތިވެފައެވެ.

ތުރުކީގެ ޑިޒާސްޓަރ އެންޑް އިމާޖެންސީ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވަނީ، ބިންހެލުމުގައި 5775 އިމާރާތް ބިމާއި ހަމަވެފައިވާ ކަމަށާއި، 20400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ބިންހެލުމުގެ ޝިކާރައަކަށްވީ ނިދާފައި ތިއްބާ

20 އަހަރުގެ ބޯރަން ކުބާތް އަކީ އިސްތަންބޫލްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. ދެވަނަ ބިންހެލުމުގައި އޭނާގެ އާއިލާ ދިރިއުޅެމުންދިޔަ އިމާރާތް ވެއްޓުނު އިރު، އޭނާ ހުރީ މަލާޓްޔާ ސިޓީގައި ތިބި އޭނާގެ އާއިލާއަށް ޒިޔާރަތް ކުރަން ގޮހެވެ.

ކުބާތް ބުނެފައިވަނީ ފުރަތަމަ ބިންހެލުމަށްފަހު، ދެން ނުރައްކާތެރިކަމެއް ނެތް ކަމަށް ހިތާ އެމީހުން އެޕާޓްމެންޓަށް ވަނީ ކަމަށާއި، ނަމަވެސް ދެވަނަ ބިންހެލުމުގެ ޝިކާރައަކަށްވީ ނިދާފައި ތިއްބާ ކަމަށެވެ.

ވެއްޓިފައިވާ ގޭގެ ބައިތަކުގެ ދަށުގައި އޭނާގެ މަންމައާއި، މާމައާއި، ދެ ބޮޑު ބޭބެ އާއި އެކު ތާށިވެފައި އޮވެ، ކުބާތް ވަނީ އެހީއަށް އެދި މީސްމިޑިއާގައި ވީޑިއޯއެއް އާއްމު ކޮށްފައެވެ.

"ހެޔޮނުވާނެ، މި ވީޑިއޯ ފެންނަ ހުރިހާ އެންމެން އައިސް އަހަރެމެންނަށް އެހީވެދީ. މިހާރު، ހުރިހާ އެންމެން އައިސް އަހަރެމެންނަށް އެހީވެދީ!" އޭނާގެ އެޑްރެސް ހިއްސާ ކުރަމުން ކުބާތް ބުނެފައިވެއެވެ.

ކުބާތް ފަހުން ބުނެފައިވަނީ ރަހުމަތްތެރިން ވަގުތުން އޭނާގެ އާދޭހަށް އިޖާބަދީފައިވާ ކަމަށާއި، އޭނާ އާއި އޭނާގެ އާއިލާ ސަލާމަތް ކޮށްދީފައިވާ ކަމަށެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގައި މީހުން ހޯދާ، ސަލާމަތް ކުރަން ތުރުކީގެ 12000 އަށް ވުރެ ގިނަ ފަރާތްތަކުން، ދަނީ 9000 ސިފައިންނާއި އެކު ހަރަކާތްތެރި ވަމުންނެވެ. ގާތްގަނޑަކަށް 70 އެއްހާ ގައުމުން ދަނީ ތުރުކީއަށް އެހީތެރިވުމަށް މީހުންނާއި، އާލާތްތަކާއި، އެހީތައް ފޮނުވަމުންނެވެ.

"އަދިވެސް އެބަ ގުޑޭ"

ޓްވިޓާ ހޭންޑްލްގައި ކޭން ޓާކަރ ގެ ގޮތުގައި އެނގޭ މީހަކު ވަނީ ހޯމަދުވަހު، އޭނާގެ ފޮލޯވަރުންނާއި މުހާތަބުކޮށް، އަދި ތުރުކީގެ ސަރުކާރުގެ އޮފިޝަލުން ޓެގް ކޮށް މެސެޖެއް ހިއްސާ ކޮށްފައެވެ. އޭނާ އާއި، އޭނާގެ އަންހެނުންނާއި، ތުއްތު ދަރިފުޅު ތިބީ އަންޓަކްޔާ ގައި ހުންނަ ހޮޓަލެއްގައި ތާށިވެފައެވެ.

" ސިޑި ވަނީ ފުނޑު ފުނޑު ވެފައި، އަހަރެމެން މިތިބީ ތިން ވަނަ ފަންގިފިލާގައި ތާށިވެފައި. އަދިވެސް ލޮޅުން އެބަ އާދޭ. އަދިވެސް އެބަ ގުޑޭ. ހެޔޮނުވާނެ އެހީވެދީ." އޭނާ އާދޭހާއި އެކު ބުނެފައިވެއެެވެ.

އޭގެ އަނެއް ދުވަހު ކޭން ޓާކަރ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ސަލާމަތް ކޮށްދިނީ ރެސްކިއު ޓީމުތަކުގެ އެއްވެސް އެހީތެރިކަމެއްނެތި، އޭނާގެ ރަހުމަތްތެރިން ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ މިއީ 1938 ގައި ތުރުކީއަށް އައި ބިންހެލުމަށްފަހު، އެގައުމަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ ކަމުގައެވެ. އެ ބިންހެލުމުގައި 33000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އީޕީއޭ

ވެއްޓި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން އެތައް ހާސް ބަޔަކު ސަލާމަތް ކުރެވިފައިވާ އިރު، އަދިވެސް އެތައް ހާސް ބަޔަކު ތާށިވެފައި އެބަ ތިއްބެވެ.

މީސްމީޑިއާގައި އެމީހުންގެ ހާލަތު ހިއްސާ ކޮށްގެން ނަސީބު ގަދަ ބައެއް މީހުން ސަލާމަތް ކުރެވިފައިވީ ނަމަވެސް، އަދިވެސް އެހީއަށް އެދި އާދޭސް ކޮށްފައި ހުރި އެތައް މެސެޖުތަކެއް އިންޓަނެޓްގައި އެބަ ދައުރުވެއެވެ. އޭގެ ތެރޭގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ މެސެޖުތަކާއި، ލޯބިވާ މީހުންނާއި މުއާސަލާތު ނުކުރެވިގެން އެމީހުންނަށްޓަކައި ހިއްސާ ކުރެވިފައިވާ މެސެޖުތައް ހިމެނެއެވެ.

ކޮންމެއަކަސް އޭގެ ތެރެއިން ގިނަ މީހުންނަށް އާޚިރުގައި ކަންތައްތައް ވެގެން ދިޔަ ގޮތެއް އެނގުމަކީ އުނދަގޫ ކަމަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއ

    މިހިތްދަތި ގޮތް މެދުވެރިވެފައިވާ މީހުންގެ ހިތާމަތަކައް އަވަސް ނިމުމެއް ގެންނަވައިފާދޭވެ. .

    51
  2. Anonymous

    އަދުގެ މުސްލިމުން އިސްލާމީ އަގީދާ ހަރުދަނާކޮށް މާތްﷲ އަށް ބިރުވެތިވާންޖެހޭ! އަދުގެ ގިނަ މުސްލިމުންގެ އުޅުމާއި އަހުލާގު މި ވަނީ ވަރަށް ބޮޑަށް ބަދަލުވެ އިސްލާމްދީނުގެ އަހުލުވެރިންބާއޭ ސުވާލު އުފެދޭވަރަަށް ކަންކަން ގޮއްސާ!

    10