މިދިޔަ ހަފްތާގައި އެމެރިކާ މަތިން އުދުހުނު ޗައިނާގެ "ޖާސޫސީ ފުއްޕާހަމަކީ" ޖާސޫސީ މައުލޫމާތު ހޯދުމަށް ބޭނުން ކުރި އެއްޗެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާ މަތިން އުދުހެނިކޮށް، އެމެރިކާއިން ގޮއްވާލި މި ފުއްޕާހަމުގައި، "އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ އޮޕަރޭޝަންތަކުގައި ސިގްނަލް ކޮންޑަކްޓުކުރުމުގެ ގާބިލުކަން" ވެސް ހުރި ކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު އިއްޔެ ބުނެފައިވެއެވެ.

އެ ފުއްޕާހަމަކީ މޫސުމާ ބެހޭ ދިރާސާ ކުރުމަށް ބޭނުން ކުރަމުން ދިޔަ އެއްޗެއް ކަމަށާއި، އެމެރިކާގެ ސަރަހައްދަށް އެ ފުއްޕާހަން ވަދެފައިވަނީ ގަދަޔަށް ވައި ޖެހުމުގެ ސަބަބުން ފުއްޕާހަން ދަތުރުކުރަމުންދިޔަ މިސްރާބުން ކައްސާލާއިގެން ކަމަށް ޗައިނާއިން ބުނާ ވާހަކަ އެމެރިކާއިން އަނެއްކާވެސް ވަނީ ދޮގު ކޮށްފައެވެ.

"ވަރަށް މަތިން ދަތުރުކުރި އެ ފުއްޕާހަމުގައި ހުރި އާލާތްތަކަކީ ހަމަ ޖާސޫސް ކުރަން ބޭނުން ކުރާ އާލާތްތައް، އަދި އެއީ މޫސުމާ ބެހޭ ފުއްޕާހަންތަކުގައި ހުންނަ އާލާތްތަކެއް ނޫން." އެމެރިކާގެ އޮފިޝަލަކު ބުނެފައިވެއެވެ.

"އޭގައި، މުއާސަލާތީ ސިގްނަލްތައް ދެނެގަނެ، ނަގައިގަތުމުގެ ގާބިލުކަން ލިބިފައިވާ ވަރަށް ގިނަ އެންޓަނާތައް ވެސް ހުރި. އަދި އެއްފަހަރާ އެތައް އިންޓެލިޖެންސް ކަލެކްޝަން ސެންސަރުތަކެއް މަސައްކަތް ކުރުމަށް ހަކަތަ އުފެއްދޭނެ ވަރުގެ ބޮޑެތި ސޯލާ ޕެނެލްތައް ވެސް ފުއްޕާހަމުގައި ހުރި." އޮފިޝަލް ބުނެފައިވެއެވެ.

އެމެރިކާއިން އެ ފުއްޕާހަން ގޮއްވާލުމުން ޗައިނާ އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ޗައިނާ އިން ބުނެފައިވަނީ އެއީ މަދަނީ ބޭނުންތަކަށް އާންމު ފަރާތަކުން ބޭނުން ކުރަމުންދިޔަ މީހަކު ނެތް "އެއާޝިޕެއް" ކަމަށެވެ.

ނަމަވެސް އެމެރިކާއިން ބުނެފައިވަނީ ވައިގެ އެ އުޅަނދަކީ ޗައިނާގެ ޖާސޫސީ ޕްރޮގްރާމްގެ ބައެއް ކަމަށާއި، އެކަހަލަ ފުއްޕާހަންތައް ވަނީ ފަސް ބައްރުގެ 40 ގައުމެއްގެ މަތިން އުދުހިފައި ކަމަށެވެ.

އެ ޕުއްޕާހަން އުފެއްދި ކުންފުންޏާއި ޗައިނާގެ އަސްކަރިއްޔާއާ "ސީދާ ގުޅުމެއް" އޮންނަ ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ. އަދި ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަހައްދުގައި އެރުވުމަށް ތާއީދު ކުރި ޗައިނާގެ އަސްކަރިއްޔާއާ ގުޅުން ހުރި ފަރާތްތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ މެދުވެސް އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށް އޮފިޝަލް ބުނެފައިވެއެވެ. އަދި އެމެރިކާއަށާއި، އެމެރިކާގެ އެކުވެރި ގައުމުތަކަށް ނުރައްކާ ކުރާނެ ޗައިނާގެ ޖާސޫސީ ހަރަކާތްތައް ފަޅާއަރުވާލަން ކުރާ މަސައްކަތްތައް އިތުރު ކުރާނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލް ވަނީ ބުނެފައެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް އިއްޔެ ވިދާޅުވީ އެމެރިކާއިން ގަބޫލުކުރާ ގޮތަށް، ފުއްޕާހަން ތަކަކީވެސް ލަޝްކަރުގެ ބައެއްކަން ނޭނގޭ ކަމަށާއި، މިއީ އެމެރިކާގެ ފިކުރީ ހަނގުރާމައިގެ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި ފުއްޕާހަމާއެކު ދުނިޔޭގެ ބޮޑު ދެބާރުގެ މެދުގައި ގޯސްވެފައިވާ ގުޅުންތައް ވަނީ ހައްތަހާ ބޮޑަށް ހީނަރުވެގެން ގޮސް، މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައެވެ. ޓައިވާން ގެ މައްސަލައިގައި އާއި، ރަޝިއާ އާއި ޗައިނާގެ ބަދަހި ވަމުންދާ ގުޅުމާ ހެދި ކުރިންވެސް އެމެރިކާ އާއި ޗައިނާ އޮތީ ވަރަށް ބޮޑަށް ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މިހާރު ދެން ޗައިނާގެ ފުއްޕާހަމެއް ފެނުނަސް އެމެރިކާ ސިހެނީ ދޯ!!! ބޮޑުވަރު

  2. ހަމުގެބިރު

    ޗައިނާ ހަމަ މޮޅީ އެހެންވެ އެމެރިކާ ބިރުގަންނަނީ